ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނީ ބާރު ނަހަމަގޮތުގައި ބޭނުން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒު މުހްސިން ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ކުރީގެ ސަރުކާރުން ދޫކޮށްލުމާ ގުޅިގެން، ކުށް ކުރުން އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން މި ވާހަކައަށް ރައްދު ދެއްވާ މާރިޔާ ވަނީ، މި ސަރުކާރު ވެރިކަމަށް އައުމުންނާއި މަޖަލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ގޮވާލާފައެވެ. މާރިޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށެވެ.
މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވާ މުހުތާޒު ވިދާޅުވީ، ގާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށެވެ.
”ކުރީގެ ސަރުކާރޭ ކިޔައިގެން ވަގުތު ބޭކާރުނުކޮށް ހުއްޓިފައިވާ ޖިނާއީ އަދުލުގެ ނިޒާމު ހަލުވިކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުން. ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ.“ މުހުތާޒު ވިދާޅުވިއެވެ.
ޝިފާން އިއްޔެ ވިދާޅުވެފައިވަނީ މާލޭގައި މިހާރު ކުށް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެކަން މެދުވެރިވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސް ކުރިން 434 ކުށްވެރިން މުޖުތަމައަށް ދޫކޮށްލާފައިވުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.