ދިވެހިރާއްޖޭގެ މައި ސީ ޕޯޓާއި އެއާޕޯޓް ވިއްކާލުމަށްފަހު ގައުމުގައި ބާކީ އޮތީ ރައީސް އޮފީހާއި ބޮޑު ދިދަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލްއާއި މަދަރުސާތައް ރަހުނުކޮށްފައިވާއިރު މިހާރުގެ ވެރިކަމަށް 7 މަސް ވެގެން ދިޔައިރު މި ތަންތަން ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ.
އަދި މިދިޔަ ސަރުކާރުން ވިއްކާލި ކަނޑުގެ މައްސަލާގައި މި ސަރުކާރުގެ ވެރިން އޭރު ކަންބޮޑުވުން ފާޅުކުރައްވާ އަޑުއުފުލަމުން ދިޔައިރު ވެރިކަމަށް އައި ފަހުން މި މައްސަލަތަކުގެ އެއްވެސް އަޕްޑޭޓެއް ބެއްލިވިތޯ އައްސަވާ ރައީސް ޔާމީން ވަނީ ސަރުކާރުގެ ވެރިންނަށް ސުވާލު ކުރައްވާފައެވެ.
ޕޯޓް ވިއްކާލާފަ، އެއާޕޯޓް ވިއްކާލާފަ ބާކީ އޮތީ ރައީސް އޮފީހާއި ބޮޑު ދިދަ ކަމަށް ރައީސް ޢަބްދުﷲ ޔާމީން އަބްދުއްލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން، ގައުމުގެ ހަރު މުދާ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެން ނޫނީ ނުވިއްކޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން ސަރުކާރުގެ ޕާޓީގެ މެންބަރު ކަމުގައި ތިއްބެވިޔަސް ގައުމު އިސްކުރުމަށް ރައީސް ޔާމީން ވަނީ މެންބަރުންނަށް ހަނދާންކޮށްދީފައެވެ.
އަދި ޕާޓީ ތަމްސީލު ކުރި ކަމުގައިވީނަމަވެސް ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް އިސްކޮށް ގައުމު ނިކަމެތިވާފަދަ ފިޔަވަޅުތައް ނުނެންގެވުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.