ބަކާގެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި
ދެންމެ | 25 ޖޫން 2024
ކުއްލި ގޮތަކަށް ނިޔާވި، ގައުމީ ޓީމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް – ބަކާގެ އާއިލާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ކުޅެ، އެތައް ކާމިޔާބެއް ހޯދާފައިވާ ބަކާ ނިޔާވީ މިއަދު އޭޑީކޭ ހޮސްޕިޓަލުގައެވެ. ބަކާ ނިޔާވުމާއި ގުޅިގެން އެކްސްގައި ރައީސް ވިދާޅުވީ، ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

އުމުރުން 38 އަހަރުގެ ބަކާ ވަނީ، މިދިޔަ ހައްޖު މޫސުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ދެއްވި ހައްޖު ދަތުރެއްގައި، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ހަވާލުގައި ދިޔަ ހައްޖާޖީންގެ ވަފުދުގައި ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.

އައްޑޫ ހިތަދު އަށް އުފަން ބަކާ ފުޓުބޯޅައިގައި ވިދަން ފެށީ އެ ރަށުގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އައިއެފްސީންނެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައި 2004 ގަ އެވެ.

ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!