ލޯނުތައް ނުދެއްކި ރާއްޖެ ބަގުރޫޓްވެދާނެ ކަމަށް ފިޗުން ބުނެފި
ދެންމެ | 26 ޖޫން 2024

ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗްއިން ރާއްޖޭގެ ރޭޓިން ދަށްކޮށްފި އެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖެއަށް ދީފައިވާ ”ބީ މައިނަސް“ގެ ރޭޓިން މިހާރު ”ސީސީސީ ޕްލަސް“އަށް ދަށްކޮށްފައިވާ ކަމަށެވެ. އެ ރޭޓިންގެ މާނައަކީ:

  • ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެއް

  • މިފަދަ ގައުމުތަކުން ފައިސާ ހޯދަން ވިއްކާ ބޮންޑުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވެ އަދި މިފަދަ ބޮންޑުތަކަށް އިންވެސްޓް ކުރަން މީހުންގެ ޝައުގުވެރިކަން ކުޑަވޭ

ރޭޓިން ދައްކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފިޗުން ފާހަގަކޮށްފައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތުގެ ނާޒުގުކަން ގޯސްވަމުން ދިޔުމުން ރާއްޖެއަށް ހުރި ނުރައްކާތައް ބޮޑުވުމެވެ. އެގޮތުން:

  • ބޭރު ފައިސާގެ ރިޒާވު ދަށަށް ގޮސްފައިވާއިރު ބޭރުގެ ދަރަނިތައް އަދާކުރުމަށް ރާއްޖެއަށް ވަރަށް ދަތިވާނެ

  • ރުފިޔާއާ އަޅާ ބަލާއިރު ޑޮލަރުގެ އަގު މައްޗަށް ގޮސް ދިވެހި ރުފިޔާގެ އަގު އަންނަނީ ވެއްޓެމުން

  • އެއް މަސް ދުވަހަށް ވާ ވަރަށް ވެސް ބޭރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް މިހާރު ރިޒާވްގައި ހުރި ފައިސާއިން ނުފުދޭނެ؛ ރިޒާވް ފައިސާ ހުރީ 0.9 މަސް ދުވަހަށް ވާވަރަށް

  • ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުން މިހާރު ވަނީ މިއަހަރުގެ ފަހު ކުއާޓާއެއް ލަސްކޮށްފައި؛ އެހެން ވުމުގެ ސަބަބުން ހާލަތު އިތުރަށް ނާޒުގުވެ އަޅަން ޖެހޭ ފިޔަވަޅުތައް ބޮޑުވެ އެކަން ކުރަން އުނދަގޫވާނެ

  • 2026 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ދަރަނި ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ %117.6އަށް އަރާނެ

  • އިގްތިސާދީ ޝޮކެއް ރާއްޖެއަށް ކުރިމަތިވެ އިގްތިސާދީ ކުރިއެރުމަށް ނުރައްކާ ވުމުގެ ފުރުސަތު ވަރަށް ބޮޑު؛ ސަބަބަކީ ބޮޑު ދަރަންޏާއި ޓޫރިޒަމަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ މައްސަލަ ބޮޑުވަމުން ދިޔުން

ރޭޓިން ދައްކުރި ނަމަވެސް ފިޗުން ބުނީ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފިޔަވަޅު އަޅައި ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކަލުން ރާއްޖެއަށް ސަލާމަތްވެވި ރާއްޖޭގެ މާލީ ހަލަތާއި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި ގޮތަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ.

ރާއްޖެއަށް ރޭޓިން ދޭ ދުނިޔޭގެ އެންމެ ބޮޑެތި ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނެނީ ފިޗުގެ އިތުރުން މޫޑީޒް އެވެ. އެ ދެ އެޖެންސީން އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!