ވަޒީފާތަކުން މީހުން މަދުކޮށް، ހަރަދު ކުޑަ ކުރުން ނޫން ގޮތެއް ނެތް: ވޯލްޑްބޭންކް
ދެންމެ | 27 ޖޫން 2024

ރާއްޖެއަށް މިހާރު ދިމާވެފައި އޮތް އިގުތިސާދީ ހުރަސްތަކުން އަރައިގަންނަން ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވިދާޅުވެއްޖެއެވެ.

މާލީ ހާލަތަށް ބަލައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެއީ، ދައުލަތުގެ ދަރަނި ބޮޑުވުމާއި ބޭރުން ފައިސާ ހޯދަން ހުރި ދަތިތައް ފާހަގަކޮށް، ގެނައި ބަދަލެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވޯލްޑް ބޭންކުގެ އިކޮނޮމިސްޓް ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވެފައި އޮތް މާލީ ގޮންޖެހުންތަކަކީ އެއް އަހަރުން ދެ އަހަރުން ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ފާއިތުވި 10 އަހަރު ދަރަނި އިތުރުވުމާއި ބަޖެޓު ޑެފިސިޓާއި ކަރަންޓު އެކައުންޓް ޑެފިސިޓް އިތުރުވަމުންދިއުމުގެ ނަތީޖާ ކަމަށެވެ.

 

ބަޖެޓު ޑެފިސިޓުގެ މާނައަކީ ލިބޭ ފައިސާއަށްވުރެ އިތުރަށް ކުރާ ހޭދައެވެ.

ރާއްޖެއިން އަބަދު ވެސް ލިބޭ އާމްދަނީއަށް ވުރެ މާ ގިނައިން ޚަރަދުކުރެއެވެ. އެ ފައިސާ ހޯދަނީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މާލީ ނަންބަރުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 100 އިންސައްތައަށް ވުރެ މަތީގައެވެ.

އެކަމަކު، އެ އަދަދުތައް ދަށްކޮށް، 2028 ވަނަ އަހަރު އަރަނި ބަޖެޓެއް ހުށަހެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.

ވޯލްޑް ބޭންކުގެ އިކޮނޮމިސްޓް އަތާސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު ފުޅާކޮށް، އިތުރަށް ދަރަންޏަށް ފައިސާ ހޯދުމަކީ މިހާރު ކުރިމަތިވެފައި އޮތް މާލީ ގޮންޖެހުންތަކުގެ ހައްލަކަށް ނުވާނެއެވެ. އޭނާ ވަރަށް ސާފުކޮށް ވިދާޅުވީ، ރާއްޖެއަށް ޚަރަދު ކުޑަކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.

”އިގުތިސާދު ކުރިއެރުވުމާއި އިތުރަށް ފައިސާ ހޯދުމަކުން މި މައްސަލަ ހައްލެއް ނުވާނެ،“ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ޚަރަދު ކުޑަކޮށްގެން ނޫނީ ނުވާނެ ކަމަށެވެ. ލިބޭ މިންވަރަކުން ޚަރަދުތައް ބަހައިލަން މަސައްކަތްކުރަންޖެހިފައިވާ ކަމަށެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވަށް ބާރު ކުޑަވާނީ އޭރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

 

އެރްދެމް އަތާސްގެ ޕޯސްޓުގައި ވަނީ ސަރުކާރުން ގެންނަމުންދާ މާލީ އިސްލާހުތައް ވެސް ފާހަގަކުރައްވައިފައެވެ.

 

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީއިރު ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:

މިދިޔަ މޭގައި 748 މިލިއަން ޑޮލަރުގައި ހުރި ފޮރިން ރިޒާވް މި މޭ މަހު 492 މިލިއަށް ޑޮލަރަށް ވަނީ ދަށްވެފައި

ރާއްޖެއިން މި އަހަރު ބޭރަށް ސޮވްރިން ދަރަނީގެ ގޮތުގައި 233 މިލިއަން ޑޮލަރު ދައްކަންޖެހޭ

ގެރެންޓީޑް ބޭރުގެ ދަރަނީގެ ގޮތުގައި 176 މިލިއަން ޑޮލަރު ދައްކަންޖެހޭ

މި އަހަރު ސަރުކާރުން ދައްކަންޖެހޭ ދަރަނި 409 މިލިއަން ޑޮލަރަށް ވަނީ އަރާފައި

 

”ފިޗް ރޭޓިންގްސް“އަކީ ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭންކިން އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ. ފިޗުން އެންމެ ފުރަތަމަ ރާއްޖެއަށް ކްރެޑިޓް ރޭޓިންއެއް ދިނީ 2016 ވަނަ އަހަރެވެ.

މާލީ ވަޒީރު މުޙައްމަދު ޝަފީގު ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ މި އަހަރު ފެށުނީއްސުރެ އިގުތިސާދީ އަދި މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުންނެވެ. ނަތީޖާއެއްގެ ގޮތުން 2.5 ބިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލީ ފިޔަވަޅުތައް އަޅަން ވަޒީރުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައެވެ.

ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކުރާނެ ކަމަށް ބުނެފައެވެ. އަދި، ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް މަދުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެކަމަކު، މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!