ޓެކްސް ބޮޑުކޮށް، ރައްޔިތުން ފެލާލާއިރު، ސިޔާސީ ރަންޑިން ލާރިގަނޑު ތަޅާލަނީ ހިތުހުރި ގޮތަކަށް!
ދެންމެ | 27 ޖޫން 2024

ދައުލަތަށް އިތުރަށް އެންމެ ފައިސާ ފޮއްޗެއް ވެސް ދައްކާކަށް ގިނަ ރައްޔިތުންނެއް ނޭދޭނެއެވެ. ވާނީވެސް އެހެންނެވެ. ގިނަ ދިވެހީން ދިރިއުޅެނީއެއް ނޫނެވެ. ގަނަ ތެޅެނީއެވެ. ގެ ކުއްޔާއި އެހެން ފީތައް ދައްކާފައި ދެން ކާން ޖެހެނީ ބޮލުގައި ރިއްސާތީ ބޭހެވެ. އެއީ، މީގެ ކުރިން ދިގުކޮށާއި ކުރުކޮށް ވެރިކަން ކުރެއްވި ބޭފުޅުންނަށް ރައްޔިތުންނަށް ގިނަ ލުއިތަކެއް އަދިވެސް ހޯދައިދެވިފައި ނެތަތީއެވެ. ގިނަ ދިވެހީން މި ހާލަތުގައި ގަނަތެޅެމުން ދަނިކޮށް އަނެއްކާވެސް މި ދެކެވެނީ ޓެކްސްތަކަށް ބަދަލު ގެންނަ ވާހަކައެވެ.

ޖަޒުބާތުތައް އެއްކައިރި ކޮށްފައި ރަނގަޅަށް ބެލުމުން ފެންނަނީ ބިރުވެރި މަންޒަރެކެވެ. ދަރަނީގެ މައްޗަށް ދަރަނި ނަގައި އިގުތިސާދު އޮތީ އައިސީޔޫގައެވެ. ފަރުވާ ނުދެވިއްޖެ ނަމަ ވެންޓިލޭޓަރަށް މިއަދު ނުވަތަ މާދަމާ ލާ ހިސާބުގައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ދައުލަތުގެ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އަނެއް ބޮޑު ބިރަކީ 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ ކަމެވެ. މިއީ އެންމެ އިންޑަސްޓްރީއަކަށް އިގުތިސާދު ބަރޯސާވެފައިވާ މި ގައުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

 

ޓެކްސް ބޮޑުކުރާކަމުގެ ސިގްނަލެއް

އެހެން އެވީ މި ސަރުކާރާއި ކުރީ ސަރުކާރުގެ ސަބަބުން އެކަންޏެއް ނޫނެވެ. ވޭތުވެދިޔަ ދިގު މާޒީގައި ކަންކަން ކޮށްފައި ހުރި ދެކޮޅު ނުޖެހޭ ސިޔާސަތުތަކުގެ ސަބަބުންނެވެ. އެހެންކަމުން ޓެކްސް ބޮޑު ކުރުމަށް ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ލަފާ ދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭގެ ސިގްނަލެއް އިއްޔެ މިވަނީ ފިނޭންސް މިނިސްޓްރީން ދީފައެވެ.

 

ސީދާ ޓެކްސް ބޮޑުކުރާނެ ކަމަކަށް ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ރިޕޯޓަކު ބުނެފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި، ކުރިއަށް އޮތް ހަތަރު އަހަރު އާމްދަނީ އިތުރުކުރުމަށް ކަނޑައަޅައިފައިވާ ސްޓްރެޓެޖީގައި ވަނީ އިންޑައިރެކްޓް ޓެކުހާއި ޑައިރެކްޓް ޓެކުހާއި އާމްދަނީ ލިބޭ އެހެނިހެން ފީތަކަށް ވެސް ބަދަލު ގެނައުމަށް ހިމަނައިފައެވެ. މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނަގާ ގޮތް ފުޅާކޮށް، ޖީއެސްޓީ ރޭޓަށް ވެސް ބަދަލުތައް ގެންނަން ވަނީ ހިމަނައިފައެވެ.

 

އޭގެ ތެރެއިން އަންނަ އަހަރު ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް ރޭޓަށް ބަދަލު ގެނައުމާއި އިމްޕޯޓް ޑިއުޓީ ރޭޓާއި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކުހާއި ޓުއަރިޒަމަށް ދޫކުރާ ބިމަށް ނަގާ ކުއްޔަށް ބަދަލު ގެނައުން ހިމެނެއެވެ. ހަމައެއާއެކު ގްރީން ޓެކްސް ވެސް ރިވިއުކޮށް، ބަނގުރާ ފަދަ ތަކެތިން ނަގާ ޓެކުހުށް ބަދަލު ގެނައުން އެ ސްޓްރެޓެޖީގައިވެއެވެ.

 

ޓެކްސް ބޮޑު ކުރާ ވާހަކަ ސީދާ ރިޕޯޓްގައި ނެތް ނަމަވެސް މިހާރުގެ އިގްތިސާދީ ހާލަތު އޮތްގޮތުން ރިވިއު ކުރުމުން ބޮޑު ކުރުން ނޫން ގޮތެއް ނުފެންނާނެކަން ޔަގީނެވެ. ދައުލަތަށް އިތުރު އާމްދަނީ ހޯދުން އެހާ ވެސް އޮތީ މުހިންމުވެފައެވެ. ރައްޔިތުން ކިތަންމެ ނުރުހުނަސް މި ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ދަރާވިކިގެން އަބަދު ގައުމެއް ނުހިންގޭނެއެވެ. ޓެކްސް ބޮޑު ކުރަން ޖެހުނީމައި އެކަން ވެސް ކުރަން ޖެހޭނެއެވެ. އެކަމަކު އެކަން ކުރާއިރު ދެން ކުރަން ޖެހޭ ކަންކަން ވެސް ކުރަން ޖެހެއެވެ.

 

ސިޔާސީ ބޭނުމަށް އެ ފައިސާ ބޭނުންކޮށްގެން ނުވާނެ

ގަނަތެޅެމުން ދާ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް އިސްރާފުކުރުމަކީ ވެސް ދުވަސްވީ އާދައެކެވެ. ކޮންމެ ބޭފުޅަކު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސިޔާސީ ގޮތުން އެތައް މަގާމެއް އުފައްދަވައެވެ. އެ މަގާމުތަކަށް އައްޔަން ކުރައްވަނީ ސިޔާސީ އެކުވެރީންނެވެ. އޭގެ ތެރޭގައި ކަމުގެ ތަޖުރިބާއާއި ތައުލީމެއް ނެތް އެތައް ބަޔަކު ހިމެނެއެވެ. ކަމެއް ނުދަންނަ، ހަމަ އެކަނި ސޯޝަލް މީޑިއާގައި ސަރުކާރުތަކަށް ސަނާ ކިޔަން ތިބޭ މީހުންނާއި އޭގެ ކުރިން ދުވަހަކު ބެގީނުކުރާ މީހުން ޓައީ އަޅުވައިގެން ވަޒީފާއަށް ނެރެ ބޮޑެތި މުސާރައިގެ ގޮތުގައި ދައުލަތުން މަހެއްގެ މައްޗަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދު ކުރެއެވެ.

 

އިއްޔެ ވެސް މިއަދުގެ ވެސް ހަގީގަތަކީ މިއީއެވެ. މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުރިވަރު ހާމަވެސް ނުކުރެއެވެ. މިނިސްޓްރީތަކާއި ކުންފުނިތަކުގެ ވެބްސައިޓުން ފެންނަ އަދަދުތަކަށާއި އެ މީހުންގެ ޕްރޮފައިލަށް ބެލީމައި ފެންނަނީ ލަދުގަންނަ ފަދަ މަންޒަރެކެވެ. ނަމަވެސް، އެއީވެސް އަދި އެންމެ ބޮޑު މަންޒަރެއް ނޫނެވެ. އެހެންކަމުން ޓެކުހަށް ބަދަލު ގެންނަންވާނީ މިފަދަ ކަންކަމަށް ދައުލަތުން ކުރާ އިސްރާފު ހުއްޓާލުމަށް ފަހުއެވެ.

 

ދެން އޮތީ ސިޔާސީ ބޭނުމަށް ހިންގާ ޕްރޮޖެކްޓަތަކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އަދި މިކަން މާ ބޮޑެވެ. ލޯނު ނަގައިގެން މުޅިންހެން ހިންގީ ފައިސާ ނުލިބޭ ޕްރޮޖެކްޓްތަކެވެ. މިއީ އިގުތިސާދީ އުސޫލާ ވެސް ހިލާފު ކަމެކެވެ. އެކަށީގެންވާ އާބާދީއެއް ނެތް ރަށްރަށުގައި ކުރަން ނުވާނެ އެތައް މަސައްކަތެއް ކުރިއެވެ. ފައިސާ ނުލިބޭނެ ކަންކަމަށް ލޯނު ނަގައިގެން ޚަރަދު ކުރީމައި ދަރަނި ވެރިވުން ނޫން އެހެން ގޮތެއް ނުވާނެއެވެ. އެހެން ކަމުން ވޯޓާއި ސިޔާސީ ބޭނުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުން ހުއްޓާލަން ޖެހެއެވެ.

 

ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓާ އެރްދެމް އަތާސް ވެސް ވިދާޅުވަނީ އެ ވާހަކައެވެ. އޭނާ ވިދާޅުވިގޮތުގައި މިހާރު ކުރިމަތިވެފައި އޮތް އިގުތިސާދީ ދައްޗަކީ ފާއިތުވި 10 އަހަރުން ވާރުތަވި ދަރަންޏާއި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓުތަކާ ހެދި ވީގޮތެވެ.

 

އަތާސް ވިދާޅުވިގޮތުގައި ރާއްޖޭގެ އިގުތިސޯދު އިތުރަށް ފުޅާ ކުރުމަކީ ނުވަތަ އިތުރަށް ދަރަންޏަށް ފައިސާ ހޯދުމަކީ މި މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ނޫނެވެ. ޚަރަދުކުޑަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އޭރުން ޑެފިސިޓު ދަށްކުރެވި އެމްއެމްއޭގެ ރިޒާވަށް ބާރު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ބޭކާރު ހަރަދު ކުރުން ހުއްޓައިލާ

ދިވެހި ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވާ އަނެއް ސަބަބަކީ ގައުމަށް އެކަށީގެންނުވާ ނިޒާމަކުން ވެރިކަން ކުރަން އުޅުމެވެ. އެތައް މިލިއަން މީހުން ދިރިއުޅޭ ގައުމުތަކަށް ވުރެ އެންމެ ފަސް ލައްކައެއްހާ މީހުންގެ އާބާދީ އޮތް މި ގައުމުގައި މުއައްސަސާތައް ގިނައެވެ. މިނިވަން މުއައްސަސާތަކުގެ ނަމުގައި ބޭކާރު، އެއްވެސް ފައިދާއެއް ނުކުރާ އެތައް ތަނެއް އެ ދަނީ ދައުލަތުން މިލިއަނުން ޚަރަދު ކުރަމުން ހިންގަމުންނެވެ. މިހާރުން މިހާރަށް މި ތަންތަން އުވާލަން ޖެހެއެވެ. އެއީ ވެސް ދައުލަތަށް ލިބޭނެ ބޮޑު ލުޔެކެވެ. އަދި ރައްކާ ކުރެވޭނެ އެތައް މިލިއަން ރުފިޔާއެކެވެ.

 

ރައްޔިތުންގެ މަޖިލީހާއި އެހެން މުއައްސަސާތައް ހިންގުމަށް ކުރާ ބޭކާރު ޚަރަދަކީ ވެސް ކުޑަ ކުރަން ޖެހޭ ކަމެކެވެ. އަހަރެއްގެ މައްޗަށް ކޮފީ ކެޕްސޫލަށް އެބަ މިލިއަނުން ޚަރަދު ކުރެއެވެ. ފަރިއްކޮޅާއި ދަތުރުފަތުރާއި އިންޝްއަރެންސް ތަކަށް ކުރާ ހޭދަ އަދި މާ އިތުރެވެ. މިއީ މި ފެންވަރުގެ އިގުތިސާދެއް އޮއްވައި ކުރެވޭނެ ކަމެއް ނޫނެވެ. އަދި ޚާއްސަކޮށް ރައްޔިތުންގެ އަތުން ޓެކްސް ފައިސާ ނަގައި ވެރިންގެ އިއްޒަތަށް އެ ހޭދަ ކުރުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ވެސް ހުއްޓާލަން ޖެހޭ ކަންކަމެވެ. ބޮޑު މުސާރަ ދީފައި އަދި ކެއުމާއި ކޮފީއާއި ބޭސްފަރުވާއާއި އެހެން އިނާޔަތްތައް ދައުލަތުން ދޭކަށް ކޮންމެހެން ނުޖެހެއެވެ.

 

އާސަންދައާއި ސަބްސިޑީއަށް ބަދަލެއް ބޭނުން

ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ ބައްޓަން ކޮށްފައި މި އޮތީ ގިނަ ކަންތައްތަކެއް ހިލޭ ކޮށްދޭ އުސޫލުންނެވެ. ދެވެން ނެތް އެތައް ސަބްސިޑީއަކަށް ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ދިވެހި ދައުލަތުން ހޭދަކުރެއެވެ. އޭގެ ތެރޭގައި ދިވެއްސެއް، ބޭރު މީހެއް ނުބަލައި ދޭ ކާޑުގެ ސަބްސިޑީ ވެސް ހިމެނެއެވެ. އާސަންދައަށް ވިސްނި ނަމަވެސް ފެންނަން އޮތީ ދެރަވާ މަންޒަރެކެވެ. އެ ނިޒާމުގެ ބޭނުން ސިއްހީ ޚިދުމަތްދޭ ތަންތަނުން ނާޖާއިޒު ގޮތުގައި ހިފައި ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ބިލު ކުރަނީއެވެ. އޭގެ ބަދަލުގައި މިއީ ވަކި ލިމިޓްތަކެއް ހިމެނޭ، އިންޝްއަރެންސް ނިޒާމެއްގެ ތެރެއިން ހިންގާ ކަމަކަށް ހަދަން ޖެހެއެވެ. މި ކަންކަމުގެ އިތުރުން ވެސް ދިވެހީން ހަނދާން ކުރަންޖެހޭ އެހެން ކަމެއް އެބައޮތެވެ. ހުރިހާ ކަމެއް ހިލެއެއް ނުކޮށް ދެވޭނެއެވެ. ޚާއްސަކޮށް މި ހާލަތުގައެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވިގޮތުގައި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އާސަންދައާއި ސަބްސިޑީ ދޭންވީ ހަމައެކަނި އޭގެ ހައްގުވެރިންނަށް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކީ ވެސް އެއީ ކަމަށެވެ. އެހެންވެ، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން އާސަންދައާއި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

 

މިއީ ކުރަން ޖެހިފައިވާ ކަމެކެވެ. އެކަމަކު، އެކަން ކުރަން ވާނީ ރަނގަޅު އުސޫލުނެވެ. މަޖިލިސް މެންބަރު ގުޅީމައި އެ ސަބްސިޑީތައް ލިބޭ ގޮތަށް އޮތުމަކީ އިންސާފެއް ނޫނެވެ. މިހާރު ކަން އޮތީ އެގޮތަށެވެ.

 

މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައަށް ކުރި ހޭދަ، 838 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ފަސް އަހަރު ވެސް އާސަންދައަށް ކުރި ހޭދަވަނީ 60 އިންސައްތައަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނުއިރު، 2018 ވަނަ އަހަރާ އަޅައިބަލާއިރު އާސަންދައިގެ ޚަރަދު ވަނީ 40 އިންސައްތަ އިތުރުވެފައެވެ.

 

އެކި މުދަލާއި ޚިދުމަތުން ދައުލަތުން ސަބްސިޑީތައް ދޭއިރު ވެސް، ތަފާތު ކުރުމެއް ނެތި މިލިއަނުން ސަބްސިޑީތައް ދެމުންދާތީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

 

ރާއްޖޭގެ ދަރަނި ބޮޑުވަމުން އަންނައިރު، ޑީފޯލްޓްނުވެ ކުރިއަށް ދިޔުމަށް އައިއެމްއެފްއާއި ވޯލްޑް ބޭންކުން އެންމެ ބޮޑަށް ބާރުއަޅާ ކަންތައްތަކުގެ ތެރޭގައި ސަބްސިޑީތަކަށް އިސްލާހުތައް ގެނައުން ހިމެނެއެވެ.

 

ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ވިދާޅުވާ ގޮތުގައި ރާއްޖެއަށް މާލީ ގޮތުން ނުރައްކާތައް އެބައޮތެވެ. އެހެންވެ، އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެންމެންނަށް ސަބްސިޑީ ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމާއި ދައުލަތުގެ ކުންފުނިތަކުގައި ހުރި މައްސަލަތައް ހައްލުކުރުމާއި ސިއްހީ ފަރުވާއަށް ހޭދަކުރާ ގޮތް ހަރުދަނާ ކުރުމާއި ޕަބްލިކް އިންވެސްޓްމެންޓް ޕްރޮގްރާމްގެ ހިންގުން ރަނގަޅު ކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

 

މުޅި އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ މި ގައުމަށް އިތުރު އިންޑަސްޓްރީތައް ވެސް ވަރަށް މުހިންމެވެ. އިހުމާލުތަކުގެ ސަބަބުން މަސްވެރިކަން ވެސް މި އޮތީ ނަމެއްގައެވެ. ހޯދެން އޮތް ފައިދާއެއް ނުހޯދެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަން މާ ދަށީއެވެ. ކަނޑާއި ފަޅާއި ފަޅުރަށްތައް ބޭނުންނުކޮށް ތިބެ ގުދުރަތީ ވަސީލަތްނެތޭ ކިޔަން ތިބޭތާ ގަރުނެއް ވަނީއެވެ. އޭގެ ބަދަލުގައި މި ވަސީލަތްތަކުގެ ބޭނުން ހިފަން އެބަޖެހެއެވެ. ޚާއްސަކޮށް ދުނިޔޭގެ ޗާޓުގައި ރާއްޖެ މި އޮތް ސަރަހައްދުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ.

 

ޓެކްސް ބޮޑު ކުރަން ޖެހޭނަމަ އެކަން ކުރަންވީއެވެ. ރައްޔިތުން ވެސް އެ ހިތި ބޭސް ބޯން ޖެހޭނެއެވެ. އެކަމަކު އެކަން ކުރަންވާނީ ސިޔާސީ މަގާމުތަކަށާއި ސިޔާސީ ބޭނުންތަކަށް ކުރާ އިސްރާފު ހުއްޓާލުމަށް ފަހުއެވެ. ރާއްޖޭގެ އިގުތިސާދީ ނާޒުކު ހާލަތުން އަރައިގަތުމަށް އަޅަން ޖެހިފައި އޮތީ އުނދަގޫ އަދި ސިޔާސީ ގޮތުން ގެއްލުންވާނެ ފިޔަވަޅުތަކެކެވެ. އެކަމަކު، ވެރިކަމާއި މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެކަން ކުރެވެން އެބައޮތެވެ. ކުރައްވަންވީ ކަމަކީ އިހުލާސްތެރިކަމާ އެކު އިސްރާފު ހުއްޓާލައި ފިޔަވަޅުތައް އެޅުއްވުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!