ދިވެހިންގެ ރަށްފުށު މުއްސަދި ދިރިއުޅުން!
ދެންމެ | 29 ޖޫން 2024

ކަމުވޮށިގެންވާ ބޭފުޅަކު އޭނާގެ 10 އަހަރުގެ ދަރިފުޅު ގޮވައިގެން ރަށްފުށުގެ ހިސާބަކަށް ޒިޔާރަތްކުރިއެވެ. މި މީހާއަކީ އޭނާގެ މުއްސަނދިކަމަށްޓަކައި ވަރަށް ފަހުރުވެރިވާ މީހެކެވެ. އެހެންކަމުން އޭނާގެ މިދަތުރުގެ ބޭނުމަކަށް ވެފައި އޮތީ އެރަށުގެ ނިކަމެތީންގެ ފަގީރު ދިރިއުޅުން އޭނާގެ ދަރިފުޅަށް ދައްކައިލުމެވެ. އެކަމަށްޓަކައި އެރަށުގައި ހަފުތާއެއްހާ ދުވަހު މަޑުކުރިއެވެ. އެރަށު މީހެއްގެ ގޭގައެވެ. އެގެއަކީ އާދައިގެ ގޮތަކަށް ހަދާފައި ހުންނަ ގެ އެކެވެ. އެ ގެ ހުންނަނީ ރަށުގެ އަތިރިމަތީގައި މޫދު ފެންނަ ހިސާބުގައެވެ.

ދަތުރު ނިންމާ އެނބުރި ސިޓީއަށް ދިއުމަށް ފުރައިފިއެވެ. ދަތުރުމަތީގައި ކުޑަކުއްޖާ އިނީ ވަރަށް ހިމޭންވެފައެވެ. އެއްވެސް މީހަކާ މާ ގިނައިން ވާހަކައެއް ނުދައްކައެވެ. ދަތުރު ނިމުމުން ރަށްފުށުގެ ފަގީރުންގެ ދިރިއުޅުމާއިމެދު ދެކޭގޮތަކީ ކޮބައިތޯ އެކުއްޖާއާ ސުވާލު ކުރިއެވެ؟ އެކުއްޖާ ޖަވާބު ދިނެވެ. ބައްޕާއެވެ. ނިކަން އަޑުއަހާށެވެ. އަހަރެމެން ފަތަން ގޯތިތެރޭގައި ފަތާ ފެންގަނޑެއް ހަދާފައި އެބައޮތެއް ނޫންހެއްޔެވެ. އެމީހުންގެ ކުދިން ފަތާނެ ވަރަކަށް ފަތަން ހިތަކަށް ލިބިފައިވަނީ ބޮޑު މާސިންގާ މޫދެވެ. ރަށުގައި އޮންނަ ފެންގަނޑުތަކާއި ކުޅިތަކެވެ. އަހަރެމެން ވަނީ ގޭގެ ވަށާފާރުގެ އެތެރޭގައި ބަންދުވެފައެވެ. އެމީހުންގެ ކުދިންތައް އުޅެމުންދަނީ މިނިވަންކަންމަތީގައެވެ. ބޭނުން އިރަކު އެއްގެއިން އަނެއް ގެއަށް ދެވެއެވެ. އަހަރެމެންގެ ތިމާގެ މީހުންނަކީ އާއިލާއަކީ ވެސް މިގޭގައި މިތިބަ މީހުންނެވެ. އެކަމަކު އެމީހުންގެ މުޅި ރަށުގައިވެސް ތިބެނީ ގާތް މީހުންނެވެ. ކޮންމެ މީހަކުވެސް މުޢާމަލާތް ކުރަނީ ހިނިތުންވުމާއި ލޯތްބާއިއެކުގައެވެ. އެއާކޯންއިން ފިނިކަންލިބޭ ތަނަވަސް ކޮޓަރިތަކުގައި އަހަރެމެން އަރާމު ކުރަމުއެވެ. އެކުދިން ފިނިކޮށްލަން ދަނީ ރަށުގެ ހިތްގައިމު އަތިރިމައްޗަށެވެ. އެތަނުގައި ހުންނަ ޖޯލިފަތިތަކާއި ހޮޅުއަށިތަކަށެވެ. ރީތި ގޮނޑުދޮށްތަކުގެ ސާފު ހުދު ދޮންވެލި ގަނޑުގައި ބީހިލާ ރާޅާއިއެކު އަންނަ ގުދުރަތީ ނަލަ ވައި ރޯޅިތަކުން އެބައިމީހުންގެ ހިތްތަކަށް، ތަސައްލީ ލިބެމުންދެއެވެ. ނަފުސުތަކަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދެއެވެ. އެކުދިން އެތަނުގައި އުފާވެރި، މަޖާ އެތައް ވަގުތެއް ހޭދަކުރެއެވެ. އަހަރުމެންގެ ކަންކަން ކުރުމަށް އުޖޫރަދީފައި މަސައްކަތު މީހުން ތިބެއެވެ. އެމީހުންގެ ދިރިއުޅުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ދިމާވާ ކަންކަމުގައި އެހީތެރިވެއެވެ. އެފަދަ ކަންކަމަށް އުޖޫރައެއް އަދި ބަދަލެއް ނުނަގައެވެ. ވަގުންނާއި އެކި ކަހަލަ ނުރައްކަލުން ސަލާމަތްވުމަށް އަހަރެމެންގެ ގޯތީގެ އިންފާރުތައް ވަނީ ރާނާ އުސްކުރެވިފައެވެ. ސެކިއުރިޓީ ކެމެރާތައް ހަރުކޮށް ދޮރުވާނުން ލާފައި އެބަ ތިއްބެވެ. އެމީހުން އެފަދަ ކޮންމެ ނުރައްކަލަކުން ސަލާމަތްކުރުމަށް އައްޑަނައެއްގެ ގޮތުގައި ތިބެނީ އެމީހުންގެ އެކުވެރިންނާއި އަވަށްޓެރިންނެވެ.

ދަރިފުޅުގެ ވާހަކަތައް އަޑުއަހާފައި ބައްޕަގެ ބަސް ހުއްޓިއްޖެއެވެ.
އެހިނދު އެކުއްޖާ އިތުރުކޮށްލިއެވެ. ބައްޕާއެވެ. އަހަރެންގެ ފަގީރުކަން އިހުސާސްކޮށްލުމަށް ފުރުސަތު ހޯދައިދެއްވީތީއާއި، އެމީހުންގެ މުއްސަނދި ދިރިއުޅުމުގައި ހަފުތާއެއް ހޭދަކޮށްލުމުގެ ފުރުސަތު ދެއްވީތީވެ ބައްޕައަށް އަހަރެންގެ ހިތުގެ ފުންމިނުން ޝުކުރުދަންނަވަމެވެ. ހަގީގަތުގައި ފަގީރު ދިރިއުޅުމެއް މިއުޅެވެނީ އަހަރެމެންނަށެވެ.

ނޯޓް: ލޯތްބާއި، އެކުވެރިކަމާއި، އެއްބައިވަންތަކަން އެކުލެވޭ ގުދުރަތީ މާހައުލަކުން ދިރިއުޅުމަށް އެލިބޭ އުފަލާއި ހިތްހަމަޖެހުމަކީ އަގުދީފައި ގަނެވޭނެ އެއްޗެއް ނޫނެވެ.

 

🎯 މިލިޔުމަކީ ލަޠީފު އޭނާގެ ފޭސްބުކް ޕޭޖްގައި ސާއިރުކޮށްފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!