އިހުގެ އަންހެނެއް ތަ! ފަހުގެ އަންހެނެއް ތަ!
ދެންމެ | 02 ޖުލައި 2024

ކައްކާ ކާންހެދުމާއި، ދޮވެ އިސްތިރިކުރުމާއި، ތުއްތުކުދިން ލޮއްސުންފަދަ ގެވެހި މަސައްކަތްތަކަކީ ޒަމާނުއްސުރެ އަންހެނުންނަށް ހާއްސަކުރެވިފައިވާ ވަރަށް ތަރުތީބުން ގަޔާޖައްސައިގެން އެވެރިން ކުރަމުން އައި ގަދަރުވެރި، ފަހުރުވެރި މަސައްކަތްތަކެކެވެ.

އެއީ މަސްވެރިކަންކުރުމާއި، ރާވެރިކަންކުރުމާއި، ވެލިގަލަށް ދިއުމާއި، ގާތެޅުމާއި، ވަކަރުފެޅުމާއި، ރާނާސިމެންތި ޖެހުންފަދަ ބުރަ މަސައްކަތްތަކާއިއެކު ގެވެހި މަސައްކަތްތަކުގެ ތެރެއިންވެސް މާކަ ހަށްޓަށް ބުރަ ބޮޑެތި މަސައްކަތްތައް މާ ކުރީއްސުރެން ފެށިގެން ފިރިހެނުންނަށް ހާއްސަކުރެވި، އެކަންތައްތައް ފިރިހެންވެރިން ވެސް ކުރަމުން އައި ބީދައިންނެވެ. ވަކި ފޮތެއްގައި މަސްއޮޑީގައި ކެޔޮޅަކަށް ހުންނަންވާނީ ނުވަތަ ކަނޑަށް ނިކުންނަންވާނީ ހައްތަހާ ފިރިހެނުންނޭ ލިޔެވިފައި އޮތަތީއެއް ނޫނެވެ. އެޒަމާނުގައި އެބައިމީހުންނަށް އެކަން އެގޮތަށް އޮތުމުގެ ހިކުމަތްތަށް ގަބޫލުކުރެވުނީ ތީއެވެ.

ކަންތައްތައް މިގޮތުގެ މަތިން ތަރުތީބުވެ އަންހެނުންނާއި، ފިރިހެނުން ނިކަން ޒިންމާދާރުކަމާއިއެކު އެބައެއްގެ ދައުރު އެބަޔަކު އަދާކުރަމުން އެއްބަޔަކު އަނެއްބައެއްގެ މަސައްކަތްތަކުގައި އެހީތެރިވެ މަދަދުވެރިވަމުން، ދާދި މިދާކަށް ދުވަހާ ހަމައަށް އެކަން އެމަގުން އަތުވެފައި ވަނިކޮށް އަންހެނުން ދެކެ މާކަ ލޯބިވާ ބަޔަކު ދުނިޔޭގެ ހުޅަނގު ބިތުގެ ފަރަންޖީންގެ ތެރެއިން ފައުޅު ވެއްޖެއެވެ.

މިބައިގަނޑަކީ އަންހެނުންނެއް ފިރިހެނުންނެއް ނުތިބޭނެ ކަމަށާއި، ވާނީ ހަމަހަމަކަމަށާއި، އަންހެނުންނަށް ހާއްސަ މަސައްކަތެއް ނޯންނާނެ ކަމަށް ވަކާލާތުކޮށް އުޅޭ ބައިގަނޑެކެވެ. މިވެރިންގެ ދައުވާކުރަނީ މާބަނޑުވެ ވިހެއުން ފިޔަވައި ދެން އެއްވެސް ކަމަކީ ކޮންމެހެން އަންހެނުންނަށް އޮތް ކަންކަމެއް ނޫނޭ، އެއްވެސް ފޮތެއްގައި އެވެނި މިވެނި ކަމަކީ އަންހެނުންނަށް ހާއްސަ ކަމެއް ކަމުގައި ލިޔެވިފައި ނޯންނާނެ“ ކަމުގައެވެ.

 

މިބީދައިން މިބައިމީހުން ބުނެ އަންހެނުންގެ ބޮލަށް ސަވާރު ވެއްޖެއެވެ. ދެންފަހެ މިބައި މީހުންގެ ބަހަށް ހެއްލި މިވެރިންގެ މަޅީގަައި ރަނގަޅަށް ބަނދެވި ފިރިހެނުންނާއި ފައިހަމަ ކުރުމަށް ، އަންހެނުންގެ ތެރެއިން ބަޔަކު އެބައިމީހުންގެ ގެތަކުން ނިކުމެ ގެވެހި މަސައްކަތް ފަސްކޮށް އެހެންކަންކަން އިސްކޮށް މައިދާންތަކުގައި ހޭލަމޭލަ ވާން ފަށައިފިއެވެ.

މިބަދަލާއިއެކު ކަންތައްތައް ވަމުންދާ ގޮތް މުޖުޠަމައުން މިހިރަ ފެންނަނީއެވެ. ހެޔޮބަދަލެއްތޯ ވިޔާނުދާ ބަދަލެއްތޯ އެމީހަކު އަމިއްލައަށް ނިންމާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!