އެމްޕީއެލްގެ ކްރެޑިޓް ކާޑުން އެ ކުންފުނީގެ ސީއީއޯ ވަޖީހު އަމިއްލަ ހަރަދުތަކެއް ކުރެއްވި މައްސަލަ އާއި ކުންފުންޏެއްގެ ޑީއެމްޑީ ފްލެޓެއް ގަތް ކަމަށް ބުނާ މައްސަލަ ނުބަލާތީ ކަންބޮޑުވުން ފާޅުކުރެއްވި.
ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކުގެ ވެރިންނާ މެދު ސޯޝަލް މީޑިއާގައި އެކި މީހުން ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން ބޯޑް (ޕީސީބީ)ން ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ – ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވަނީ އަންގާރަ ދުވަހު ޕީސީބީ ހާޒިރުކޮށް ބޭއްވި މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭނާ ދެއްކެވި ވާހަކަތައް އިއްޔެގެ މާލިއްޔަތު ކޮމިޓީގައި ވެސް ތަކުރާރުކުރައްވައިފަ އެވެ.
ކުންފުނިތަކުގެ މާލީ ހާލަތު ސީދާ މާލިއްޔަތު ކޮމިޓީން ބެލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މާލިއްޔަތު ކޮމިޓީގައި ހިޔާލުފާޅު ކުރެއްވުމުން އެކަމާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ:
ކޮންމެ ވެރިކަމެއްގައި ވެސް ހިޔާނާތްވި އަދަދު ސާފުވަނީ 5 އަހަރުގެ ދައުރެއް ނިމި އާ ބަޔަކު ވެރިކަމާ ހަވާލުވުމުން
އޭގެ ކުރިން އެބަޔަކު ވެރިކަމުގައި ތިއްބާ މުއައްސަސާތަކުން އެކަން ހުއްޓުވަން މަސައްކަތެއް ނުކުރޭ؛ އެ ނިޒާމު ނުހިނގާ
”ފެނަކައިން 4 ބިލިއަން ރުފިޔާ ގެއްލި، ދަރަނިވެރިވެގެން ދިޔައިރު އެބޭފުޅުން ތިއްބެވިއްޔޭ. އެތަނުގެ ނައިބު ރައީސް ވެސް މިދިޔަ 5 އަހަރު ހުންނެވި. އެހެންވީމާ، އަޅުގަނޑުމެން ބޭނުމެއް ނޫނޭ މި 5 އަހަރު ނިމުނީމާ މި 5 އަހަރުގެ ވާހަކަ އަޑުއަހާކަށް،“ ނާޒިމް ވިދާޅުވި އެވެ.
”މިހާރު ވެސް ކުންފުނިތަކުގެ ތެރޭގައި ކަންކަން ގޯސްކޮށް ދަންޏާ އެބޭފުޅުން އެ ކަންކަން ހުއްޓުވާނަންތޯ އެބޭފުޅުން ގަރަންޓީދެއްވަ ފާނަންތޯ އެބޭފުޅުންގެ ބެލެނުވެރިކަމުގެ ދަށުގައި މި ފަސް އަހަރު އެކަން ނުހިނގާނެކަން.“
ތަފްސީލް – އޭނާ ވިދާޅުވީ ކުންފުނިތަކުގެ ކަންކަން ބެލުމަށް ކުރަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ސޯޝަލް މީޑިއާގައި ކުންފުނިތަކާ މެދު ކުރެވޭ ތުހުމަތައް ސީރިއަސްކޮށް ނަގައި އެންމެ ކުޑަމިނުން އެކަމުގެ ތެދު ދޮގު ޕީސީބީން ބަލައިލުން ކަމަށެވެ. މިއީ ސޯޝަލް މީޑިއާގެ ޒަމާންކަން ފާހަގަކުރައްވައި އޭނާ ވަނީ މިފަހުން ސޯޝަލް މީޑިއާގައި ދެ ކުންފުންޏެއްގެ ވެރިންނަށް ކުރެވުނު ތުހުމަތުތައް ޕީސީބީން ނުބަލާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:
ކުންފުނީގެ ވެރިއަކު ކްރެޑިޓް ކާޑް ބޭނުންކޮށްގެން އަމިއްލަ ހަރަދުތަކެއް ކުރި މައްސަލަ؛ އޭނާ އެ އިޝާރާތް ކުރެއްވީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އެ ކުންފުނީގެ ކްރެޑިޓް ކާޑުން އަމިއްލަ ހަރަދުތަކެއް ކުރި މައްސަލައަކަށް
ކުންފުންޏެއްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކު އަގު ބޮޑު ފްލެޓެއް ބައްލަވައިގެން މައްސަލައެއް
އޭނާ ވިދާޅުވީ ކުންފުނީގެ ކްރެޑިޓް ކާޑަކުން އަމިއްލަ ހަރަދުތައް ކުރުމަކީ މީގެ ކުރިން މަޖިލީހުން އެކަމުގައި ގޮތެއް ނިންމާފައިވާ ކަމެއް ކަމަށެވެ. އެގޮތުން މީގެ ކުރިން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރީ އެފަދަ މައްސަލައެއްގައި ކަމަށް ވިދާޅުވި އެވެ.
”އެބޭފުޅުން އައްޔަންކުރި މީހުންނެއް ނޫންހޭ އެއީ. އަޑުތަކެއް އުޅެންޏާ ތުހުމަތުތަކެއް އުޅެންޏާ ބަލަން ޖެހޭނޭ. އަޅުގަނޑު ހަގީގަތުގައި ވެސް މި ދަންނަވަނީ ކުރީ ފަސް އަހަރުގެ ކަންކަން ތަކުރާރުވާކަށް ނޭދެން މި ސަރުކާރުގައި،“ ނާޒިމް ވިދާޅުވި އެވެ.
”އަޅުގަނޑުމެން އެބަ ޖެހޭ މިކަންކަން ޔަގީންކުރަން. މިހާރު މި އިވޭ އަޑުތަކާ އެއްޗިހި.“
އޭނާ ދެން ކަންބޮޑުވުން ފާޅުކުރެއްވީ ޕީސީބީގެ ބޯޑުގައި ސަރުކާރުގެ މުވައްޒަފުންނާއި ނައިބު މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރު ފެންވަރު ބޭފުޅުން ތިއްބަވާތީ އެވެ. ނާޒިމް ވިދާޅުވީ އެފަދަ ބޭފުޅުންގެ ”މާސްޓަރުން“ ތިއްބަވާނެ ކަމަށާއި އެހެންވާއިރު ޕީސީބީއަށް ރަނގަޅަށް ކަންކަން ނުބެލޭނެ ކަމަށެވެ.
ގުޅުންހުރި – މީގެ އިތުރަށް ނާޒިމް ވަނީ މިދިޔަ ސަރުކާރުގައި ހިންގި ވެންޓިލޭޓަރުގެ ހިޔާނާތުގައި ގެއްލުނު ފައިސާ އަދިވެސް ނުހޯދޭތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ދައުލަތުން 2 މިލިއަން ޑޮލަރު ގެއްލިފައިވާއިރު މި ސަރުކާރުން ވެސް އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. އެ މީހާ ދުބާއީގައި އަދިވެސް އުޅެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ނާޒިމް ވިދާޅުވީ:
އާބިޓްރޭޝަނަށް ގޮސްގެން އޭނާ ގައިގާ ފިރުމައިގެން ގިދިގިދި ކޮށްޓުވައިގެން އެ ފައިސާ ރިކަވާ ނުކުރެވޭނެ
އެ ކުންފުނީގެ މައްޗަށް ޖިނާއީ ދައުވާކޮށް އަމުރެއް ނެރެގެން އެ ކުންފުނީގެ ވެރިޔާ ރާއްޖެ ގެންނަން ޖެހޭ
އެ ފައިސާއިން ބައި އެޅުނު މީހުންނާ އެ ފައިސާ ދިޔަ ގޮތެއް ހޯދަން އޭނާ ކައިރީ ސުވާލުކުރަން ޖެހޭ
”ރެޑް ނޯޓިސް ނެރޭއިރަށް އޭނާ މިތާ ގެނެސް ބަހައްޓައިދޭނެ ދުބާއީ ސަރުކާރުން. އަޅުގަނޑުމެންނާ ދުބާއީއާ ވެސް ގާތް ގުޅުމެއް އެބަ އޮތް. ހަމައެކަނި މަދަނީ ދައުވާއެއްކޮށްގެން އެ ފައިސާ ނުހޯދޭނެ. އެކަން ވާ ގޮތަކަށް ނޫޅޭ. އެ ސަރުކާރާ މި ސަރުކާރުން އެއްގޮތަކަށް ކަންކުރާ ވާހަކަ ދައްކަން ޖެހޭތީ ދެރަވޭ.“ ނާޒިމް ވިދާޅުވި އެވެ.