ޕީސީބީން ބުނީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރާނީ ޑިރެކްޓަރުންގެ ޕޫލްގައި ހިމެނޭ މީހުންގެ ތެރެއިން ތައުލީ،ާއި ތަޖުރިބާއަށް ބަލާ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރީގެ އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ފަރާތްތައް އައްޔަންކުރުމާއި ވަކިކުރުމުގައި އަމަލުކުރާނެ އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ކުންފުންޏަކަށް އެންމެ އެކށީގެންވާ ފަރާތްތައްކަމަށެވެ.
ޑިރެކްޓަރުންގެ ޕޫލަށްް ނޮން-އެގްޒެކްޓިވް ޑިރެކްޓަރުކަމަށް ނަން ހުށައެޅުމަށް ޕީސީބީން ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ.
ކުންފުނިތަކުގެ އެކައުންޓިން އަދި ފައިނޭންސް ޑިރެކްޓަރުންގެ މަގާމަށް އައްޔަންކުރާ ފަރާތްތަކަކީ މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލުތައް ބަލަހައްޓާ، ރިސްކު މެނޭޖުމަންޓު ބެލެހެއްޓުމުގެ އިތުރުން މާލީގޮތުން ކުންފުނި ފުދުންތެރި ކުރުވުމަށް އިރުޝާދު ދެވޭ ފަދަ ފަންނީ ފަރާތްތަކަކަށް ވާންޖެހޭ ކަމަށް ޕީސީބީން ބުނެއެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ ޕޫލް އެކުލަވާލާ ނިމޭއިރު ހުރިހާ ކުންފުނިތަކެއްގެ ބޯޑުގައި އެކައުންޓިން އެންޑް ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތެއް ހިމެނޭކަން ކަށަވަރުކުރެވިގެންދާނެ ކަމަށްވެސް ޕީސީބީން ބުނެއެވެ.