ގަރުދިޔަ ބަތް ދިޔައިކޮށް، ކިރު ބިހާއި ބޮލާއިއެކު!
ދެންމެ | 16 ޖުލައި 2024

ގަރުދިޔަ އާއި ބަތަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ހިމަނަމުން އަންނަ ސިއްޙީ އެތަކެއް ފައިދާތައް ހުރި ކެއުމެކެވެ. މިއީ ތައްޔާރު ކޮށްލަންވެސް އެހާ އުނދަގޫ ކެއުމެއް ނޫނެވެ. ބޭނުންވާ ތަކެތިވެސް އެހާމެ މަދެވެ.

 

ބަތް ކައްކަން ބޭނުންވާ ތަކެތި

1 ލާހި ހަނޑޫ

ފެން

ލޮނު

ތެޔޮ ފޮދެއް

 

ތައްޔާރު ކުރާނެ ގޮތް

ހަނޑޫ ރަނގަޅަށް ދޮވެލުމަށްފަހު ރައިސް ކުކަރުގެ ތެއްޔަށް ލުހެލުމަށްފަހު، ފެން އަޅާލާށެވެ. ފެން ހުންނަންވާނީ ހަނޑުލުގެ މައްޗަށް ގާތްގަނޑަކަށް 1-2 އިންޗީގައެވެ.

ދެން ގާތްގަނޑަކަށް އެއް ސައިސަމުސާ ލޮނު އަދި ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު ކުކަރަށް ލައިގެން ކައްކާލާށެވެ. ކުކަރު ނެތް ނަމަ، ދަރު އުނދުނުގައި ނޫނީ ގޭސް އުނދުނުގައިވެސް ކެއްކި ދާނެއެވެ. ނަމަވެސް ދުން ގަނޭތޯ އިރު އިރުކޮޅުން ބަލަންވާނެއެވެ.

 

ގަރުދިޔަ ކައްކަން ބޭނުންވާ ތަކެތި

މެދު ސައިޒުގެ ކަނޑު މަހެއް ނުވަތަ، ކުރުމަސް (ތިން އިންޗި ދިގުމިނަށް ކޮށާފައި)

 

ފެން

ލޮނު

1/2 ފިޔާ (ބޭނުން ނަމަ)

ހިކަނދިފަތް (ބޭނުން ނަމަ)

ހިކި މިރުސް (ބޭނުން ނަމަ)

 

ތައްޔާރު ކުރާނެ ގޮތް

ފެން ކައްކަން އުދުމަށްފަހު ލޮނުވެސް ފެނަށް އަޅާލާށެވެ.

ދެން ފެން އެތި ހޫނުވުމުން، މަސް ކޮޅު އަޅާލާށެވެ. ފެން ހުންނަންވާނީ މަސްތައް އެއްކޮށް ފޮރުވޭ ވަރަށެވެ. (އުނދުނުގެ ގިނި ބަހައްޓާނީ އާދައިގެ ވަރަކަށެވެ)

މަސް އެޅުމަށްފަހު، ރަނގަޅަށް ގަރު ނަގަން ހަނދާން ކުރަންވާނެއެވެ. ގަރުތައް ނަގައި ނިމުމުން، ބޭނުން ނަމަ، ފިޔާ، މިރުސް އަދި ހިކަނދިފަތް އަޅާލާށެވެ.

ދެން މަޑު ގިނީގައި ފަސް ވަރަކަށް މިނެޓް ކައްކާލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. ގަރުދިޔަ އެހުރީ ކެކިފައެވެ.

ގަރުދިޔައާއި ބަތް، ތެލުލި ފަތާއި އެކު، ނުވަތަ ލޮނުމިރުސް، ނޫނީ ގިތެޔޮ މިރުހާއެކުވެސް ވަރަށް މީރުވާނެ އެވެ. ފިހުނު ލޮނުމެދާއި، ފިޔާ ކޮޅަކާއި، ލުނބޯ ހުތް ކޮޅެއް އަދި އަސާރަ ކަހަލަ އެއްޗެއް އަޅައިގެން ކާންވެސް ބަރާބަރުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!