މިދިޔަ ސަރުކާރުގައި ފެނަކައިގެ 60 މަސްރޫއެއްގެ ލާރިގަނޑު ކާލި މައްސަލަ އޭސީސީން ބަލަން ފަށައިފި
ދެންމެ | 18 ޖުލައި 2024

ފެނަކަ ކޯޕަރޭޝަންގެ 60 މަޝްރޫއެއް ނުނިންމައި، އެ މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓް ހުސްކޮށްލި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ ފެނަކައިން ކުރިއަށް ގެންދިޔަ 60 މަޝްރޫއުއެއް ނުނިންމައި، ބަޖެޓް ހުސްކޮށްލި ކަމަށް ތުހުމަތުވާ މައްސަލަ ވަރަށް ތަފްސީލުކޮށް ބަލަމުން އަންނަ ކަމަށެވެ.

އެ މަޝްރޫއުތަކަކީ ފެނަކައިގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި އިން-ހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކެވެ. މީގެ ތެރެއިން ނިމިފައި ވަނީ އެންމެ 14 މަޝްރޫއު ކަމަށާއި ބާކީ ހުރި މަޝްރޫއުތައް ނުނިމެނީސް ބަޖެޓް ހުސްވެފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޝާމިލް ވިދާޅުވި ގޮތުގައި ފެނަކައަށް ތުހުމަތުކުރެވޭ ކޮރަޕްޝަންތަކާ ގުޅިގެން ތަހުގީގަށް މިހާތަނަށް ހޯދުންތަކެއް ހޯދިފައިވެ އެވެ. މި މައްސަލަތަކުގައި ޝައްކު ކުރެވޭ މީހުން ވެސް އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި އޭސީސީން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ތުހުމަތުވާ މީހުންގެ ބޭންކް ޓްރާންސްސެކްޝަންތައް ދިރާސާކުރުން ކަމަށެވެ.

”އެ ބަލައިގެން ނޫނިއްޔާ އެ ބޭފުޅުން މި ނުހައްގު މުއްސަނދިކަން ލިބިގަނެފައި އޮތް ގޮތް ދެނެގަނެވޭކަށް ނެތް، މައްސަލަތަކުގެ ހިމެނޭ މީހުންގެ ނެޓްވޯތު އެނާލިސިސް ހެދިގެން. ބޭންކު ޓްރާންސްސެކްޝަންތައް ހިނގާފައިވާ ގޮތް ބެލިގެން މާލީ މަންފާތަކުގެ އެނާލިސިސް ހެދިގެން،“ ޝާމިލް ވިދާޅުވި އެވެ.

ޓްރާންސެކްޝަންތައް ދިރާސާކޮށް ނިމުމުން، ނުހައްގު މުއްސަނދިކަން ލިބިފައި އޮތް ގޮތާއި ލިބިގަނެފައިވާ މުއްސަނދިކަން ތަހުގީގަށް ދެނެގަނެވޭނެ ކަމަށް ޝާމިލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ޝައްކު ކުރެވޭ މީހުންގެ މައްޗަށް ޖުމްލަ ފަސް ކުށެއްގެ ތުހުމަތާ އެކު އެވެ. އެއީ، މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުމާއި ހިޔާނާތާއި ރިޝްވަތު އަދި ނުހައްގު މުއްސަނދިކަމެވެ.

މަޖިލީހުގެ ކޮމިޓީގައި އޭސީސީން އިއްޔެ ބުނެފައި ވަނީ، ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން އާދަޔާހިލާފަށް ގިނައިން އެ ކޮމިޝަނަށް މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގެ ތެރޭގައި، އޭސީސީން ބުނި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި އެ ކުންފުނި ހިންގަވަން ތިއްބެވި ވެރިންނަށް ތުހުމަތުކޮށް ހުށަހެޅި ހަ މައްސަލައެއް ވެސް ހިމެނެ އެވެ. އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް ވިދާޅުވީ ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ބައެއް މަޝްރޫއުތައް ކުންފުނިން އަމިއްލަ އަށް ހިންގުމަށް އިންހައުސްކޮށް ކުރިޔަށް ގެންދަން ނިންމުން ހިމެނޭ ކަމަށެވެ.

އިންހައުސްކޮށް މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ ބޭނުމަކީ ކޮންޓްރެކްޓް އުސޫލުން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނެގުން ކަމަށާއި އެހެން ނަމަވެސް ވަކި އަދަދެއް ކަނޑަނާޅައި މުވައްޒަފުން ނެގުމުން ބޮޑު ހަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

”15މިލިއަން ރުފިޔާ އަށް ހެދޭ އިންޖީނުގެ ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އިންހައުސް މުވައްޒަފުން ނަގައިގެން ކުރީމަ 38 މިލިއަނަށް އެބަހުރި އަގު ބޮޑުވެފައި. އަގު ބޮޑުވާ ސަބަބަކީ މުވައްޒަފުންގެ މުސާރަ އަށް،“ ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެނަކަ އިން މުވައްޒަފުންނަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. އެ ފަރާތްތަކުގެ ކެއުމަށް ޑަބަލްކޮށް ފައިސާ ހަރަދު ކޮށްފައި ހުރި ކަމަށާއި ފައިސާ އަތަށް ދިނުމުގެ އިތުރުން ރަށުގެ ރެސްޓޯރަންޓުތަކަށް ވެސް ދެ ފަހަރަށް ފައިސާ ދައްކާފައިވާ މައްސަލަތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!