ސިނަމާލެ ބްރިޖުން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދާދި ދެންމެއަކު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ރޭ އިޢުލާންކުރެވުނު ”މާލެފަހި“ ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ ހަމައެކަނި ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ. އަދި މި ދިރާސާއިން ޓޯލް ނެގުމަށް ހުށަހެޅުނު ކަމުގައިވިޔަސް، އެކަން ތަންފީޒުކުރުމުގެ ކުރިން ބައެއް ޝަރުތުތަކެއް ފުރިހަމަވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އަރުވަން.
ރައީސް ޑރ މުހައްމަދު މުޢިއްޒު
މާލެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް، ”މާލެ ފަހި“ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި، އެ ޕްރަގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތަފްސީލު ހިއްސާ ކުރުމަށް ހާއްސަ ރިޕޯޓެއް ނެގެސްދީފައިވެ އެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ ބްރިޖާއި ހައިވޭތަކަށް ޓޯލް ފީއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއީ ”މާލެ ފެހި“ ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.އެ މަސައްކަތް ކުރާނީ ދައުލަތުގެ ކަމާގުޅުން ހުރި ހުރިހާ އިދާރާއަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށާ ޓޯލް ފީއާ ގުޅޭ ދިރާސާ ހެދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ބުންޏެވެ.
އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ބްރިޖުން ފީ ނުނަންގަވާނެ ކަމަށް ކެންޕެއިންގެ ތެރެއިން ރައީސް ވެވަޑައިގެންނެވި ވައުދުފުޅާއި ޚިލާފްވެވަޑައިގަންނަވަނީ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.