މީހަކު ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ އެކައުންޓުން ފައިސާ ފޭރުނު މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މިއީ މިދިޔަ ބުދަ ދުވަހު ހިނގައިދިޔަ ހާދިސާއެކެވެ.
އިއްޔެ ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 26 އަދި 35 އަހަރުގެ ދެ ދިވެހި ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ހޯދަމުން ދިޔަ އުމުރުން 43 އަހަރުގެ ދިވެހި އަންހެނެއް މިހާރު ހައްރުކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން މި މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އެ މައްސަލައިގައި ތުހުމަތު ވަނީ މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓުގައިވާ ފައިސާ ފޭރުނު ކަމަށެވެ.
މާލޭ މަގުމަތިން ފޯނެއް ފޭރުނު މައްސަލަ ވެސް އިއްޔެ ފުލުހުންނަށް ރިޕޯޓު ކުރިކަމަށް އެ އިދާރާއިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރު ކުރަނީ ޒުވާނުންނާއި މެދު އުމުރުގެ ދިވެހި ފިރިހެނުންނެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މީހެއްގެ އައިފޯނެއް ގަދަކަމުން އަތުލައިގެން އެ ގެންގުޅުނު މީހަކު އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.