ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން ނިންމައިފި
ދެންމެ | 05 އޯގަސްޓް 2024

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން އެކި މީހުންނަށް ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ގިނަ ބަޔަކު ކުލި ނުދައްކާތީ އާއި އެފަދަ ޔުނިޓްތައް ގަވައިދާ ހިލާފަށް އެކި މީހުންނަށް ކުއްޔަށް ދޭތީ އެފަދަ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ދީފި އެވެ.

ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ އާއި އަތޮޅު ތެރެއިން ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ހައުސިން ޔުނިޓް ތަކުގެ ކުލީގެ 20 ޕަސަންޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުން މައާފްކޮށްދީފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ކުލީގެ 20 ޕަސަންޓް މައާފްކޮށްދިން ނަމަވެސް އަދިވެސް ގިނަ ބަޔަކު ހައުސިން ޔުނިޓް ތަކުގެ ކުލި ދައްކަމުން ނުދާ ކަމަށެވެ. ހައުސިން ޔުނިޓްތައް ލިބިފައިވާ މީހުން ކުލި ދެއްކުމަށް މިދިޔަ ޖެނުއަރީ މަހުވެސް މިނިސްޓްރީން ހަނދާންކޮށްދީފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ހައުސިން ޔުނިޓްތަކަށް ކުލި ނުދައްކާ މީހުންނާއި އާއި ޔުނިޓްތައް ގަވައިދާ ހިލާފަށް އެކި މީހުންނަށް ކުއްޔަށް ދޭ މީހުންނާއި ގަވާއިދާ ހިލާފަށް ޔުނިޓްތަކަށް ބަދަލު ގެނެސްފައިވާ މީހުންނަކީ ކޮބައިކަން ބަލަމުންދާ ކަމަށެވެ.

”ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާ މެދު އެއްބަސްވުމުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،“ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!