ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށްޓަކައި އެ ބާވަތްތަކުން އިތުރު ޓެކްސް ނަގަންޖެހޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި، ”ދުންފަތުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުރަމާ“ ސުރުހީގެ ދަށުން އެޗްޕީއޭއިން އާއްމުކުރި ލިޔުމެއްގައި ބުނީ ރާއްޖޭގައި ފުރާވަރު ކުދިންނާއި ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓީން ޕައުޗް ފަދަ ބާވަތްތައް ބޭނުންކުރުން އާންމުވެ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން އެ ބާވަތްތަކުން ޓެކްސް އިތުރު ކުރަންޖެހޭ އުސޫލުތައް އެކުލަވާލައި އަދި ޓެކްސްގެ ފައިސާއިން ބައެއް ދުންފަތް ކޮންޓްރޯލް ކުރުމަށާއި ހެލްތު ޕްރޮމޯޝަނަށް ހޭދަކުރުމަކީ އެ ބާވަތްތައް ބޭނުންކުރާ މީހުންގެ އަދަދު މަދުކުރަން ކުރަންޖެހޭ ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގެ ރިސްކުތައް ބަލަން 2021-2022 ގައި ހެދި ”ސްޓެޕް ސާވޭ“ އިން ދައްކާ ގޮތުން، ފުރާވަރުގެ އުމުރުގެ ކުދިންނާއި ކުޑަކުދިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އުމުރުން އެންމެ 8 އަހަރުގަ އެވެ.
ރާއްޖޭގައި އުމުރުން 13-17 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންގެ ތެރޭގައި ހަދާފައިވާ ގްލޯބަލް ސްކޫލް ހެލްތު ސާވޭއިން ދައްކާ ގޮތުން، އުމުރުން ހަތް އަހަރު ނުވަނީސް، ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށައެވެ. އެއީ ކަންބޮޑުވުމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ ސާވޭތަކުން ދައްކާ ގޮތުން އުމުރުން 13-17 އަހަރާ ދެމެދުގެ ކުދިން ދުންފަތުގެ އިސްތިއުމާލުކުރާ އަދަދު 2009 ގައި އުޅުނީ 14.7 ޕަސެންޓުގަ އެވެ. އެ އަދަދު 2014 ގައި 12.3 ޕަސެންޓަށް ދަށްވީ، އެޗްޕީއޭއިން މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރި ލިޔުމުގައި ބުނާ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު ތަންފީޒުކުރަން ފެށުމުގެ ނަތީޖާއަކުން ކަމަށް ބެލެވެ އެވެ.
ނަމަވެސް 2019 ގައި ސްކޫލް ކުދިންގެ މެދުގައި ހެދި ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭއިން ދައްކަނީ ދުންފަތުގެ އިސްތިއުމާލްކުރާ ކުދިންގެ އަދަދު 2011 ސާވޭގެ ނަތީޖާއާ އަޅާ ބަލާއިރު 4.3 ޕަސެންޓުން 4.7 ޕަސެންޓަށް އިތުރުވި ކަމަށެވެ. އަދި 2019 ގެ އަދަދުތައް ދައްކާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ ކުދިންގެ ޖުމްލަ ނިސްބަތް ވަނީ 11.2 ޕަސެންޓުން 45.7 ޕަސެންޓަށް އިތުރުވެފަ އެވެ.
އެޗްޕީއޭއިން ބުނީ އަހަރަކު ރާއްޖެ އަށް 400 މިލިއަން ސިނގިރޭޓް އެތެރެކުރަން 1.8 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ. އޭގެ އިތުރަށް ޝީޝާގައި ބޭނުންކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތަކެއް ލައްކަ ރުފިޔާ ހޭދަކުރާއިރު، އެފަދަ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރަން އާސަންދައިން ބޮޑު ހޭދައެއް ކުރާ ކަަމަށް ބުންޏެވެ.
ދުންފަތަކީ ތަފާތު ބަލިތަކަށް ހުށަހެޅޭ ކަމަކަށް ވާއިރު އޭގެ ސަބަބުން ދިގުމުއްދަތަށް ފަރުވާކުރުމަށް ބޮޑެތި ހޭދަކުރަން ޖެހުމާއި ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ބަލިތައް އިތުރުވަމުން ދާތީ އެޗްޕީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ އެޖެންސީން ބުނީ ދުންފަތަށް އަލަށް ހުށަހެޅޭ މީހުން މަދުކުރަން ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް، މާކެޓްކުރުމާއި ހުއްޓުވަން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ވިޔަފާރި އަދި ދުންފަތުގެ ބާވަތްތަކުން މީހުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި މޮނިޓާކޮށް އަދި ކުރަންޖެހޭ ދިރާސާތައް ކޮށް އެ މައުލޫމާތުތަކުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތަންފީޒުކުރަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ގަވާއިދުތައް ހަރުދަނާކޮށް އާއްމު ތަންތަނުގައި ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކޮށް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތައް ކަށަވަރުކުރަންޖެހޭ ކަމަށް އެ އެޖެންސީން ބުންޏެވެ.
ރާއްޖޭގައި މިހާރު ވެސް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމަށް އެހެން ބާވަތްތަކަށް ވުރެ ބޮޑު އިމްޕޯޓް ޑިއުޓީއެއް ނަގަ އެވެ.