މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، ސާފުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި
ދެންމެ | 09 އޯގަސްޓް 2024

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގެ ބިން އެއްކޮށް ސާފުކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ސާފުކޮށް، އެތަން ހުސްކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެހެންވެ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ މުއްދަތު ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހެވެ.

ސަހަރާ ހުސްކުރުމުގެ މަސައްކަތް ކުރަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީއާއި އެ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާއި މައުލޫމާތު ކަރުދާހުގައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އިތުރަށް އެ އިއުލާނުގައިވާ ގޮތުން، އެ ސަހަރާއިން ހުސްކުރަނީ 36،153 އަކަފޫޓުގެ ސަރަހައްދެކެވެ. ނަމަވެސް، އެތަން ހުސްކުރަނީ ކޮން ބޭނުމަކަށް ކަމެއް މިހާތަނަށް އެ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ”ސަން“އަށް ވިދާޅުވީ މާފަންނު ސަހަރާގައި ޕާކިން ޒޯނެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އޭރު އެ ޒޯން ހެދުމަށް ބިން ހަވާލުނުކޮށްގެން އެ މަސައްކަތް އޮތީ ނުފެށިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާފަންނު ސަހަރާ އަކީ މީހުން ވަޅުނުލާތާ ގިނަ ދުވަސްވެފައިވާ ސަހަރާއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!