އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަރަށް ރަތް ދޫލައިގެ މަރުހަބާއެއް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ޖައިޝަންކަރު ތިން ދުވަހަށް ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު މަޝްވަރާތައް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖައިޝަންކަރުގެ މި ދަތުރުގައި މިހާރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް މުރާޖަޢާ ކުރައްވާނެ ކަމަށާއި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ނިމިފައިވާ މަޝްރޫއުތައް ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށެެވެ. އަދި ޤާބިލުކަން އިތުރުކުރުމާއި ވިޔަފާރިއާއި ވަށައިގެންވާ ދާއިރާތަކުގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި އިންޑިއާއިން ސޮއިކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިއީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިޔާގެ މަތީ ފަންތީގެ އިސްބޭފުޅަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެެވެ.