ހުޅުމާލޭގައި ހަދަން ފަށާ ނުނިމި ހުރި ކޭ-ޕާކް ރެސިޑެންސް އެޕާޓްމަންޓުތަކުގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
މައްސަލައިގެ ފެށުން – ހުޅުމާލޭގައި ފްލެޓްތަކެއް އިމާރާތް ކުރުމަށް ކޮރެއާގެ ކުންފުންޏެއްް ކަމަށްވާ ހަންބޯ ކޮމްޕެނީ ލިމިޓެޑާއި ހަވާލުކުރީ 2016ވަނަ އަހަރު އެވެ. އެގޮތުން:
އެ މަޝްރޫއުގެ ދަށުން ’ކޭ ޕާކް ރެސިޑެންސް’ގެ ނަމުގައި ހަދަން ފެށި އެޕާޓުމަންޓް އިމާރާތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ ދެ އަހަރު ނަމަވެސް މަޝްރޫއު ނުނިމި ހަތް އަހަރު ވެއްޖެ
އެތަނުގެ އެއް ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) އެ ޕާޓްމަންޓްތައް މަކަރާ ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ފެންމަތިވެފައި
އެ މަޝްރޫއު ނުނިމި ދިގުލައިގެން ގޮސް އެތަނުން ފްލެޓްގަތް އެތައް ބަޔަކަށް ގެއްލުންވެ ޝަކުވާތައް ވަނީ ބޮޑުވެފައި
ވީ ކިހިނެއް؟ – މި މައްސަލާގައި އެޗްޑީސީން އަމަލުކޮށްފައިވާ ގޮތް ތަފްސީލީ ގޮތެއްގައި އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް އެދި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި މައްސަލާގައި އޭނާ އެދިފައިވަނީ:
އެކަމާ ގުޅިގެން މިހާތަނަށް އެޗްޑީސީން އަޅާފައިވާ ފިޔަވަޅުތަކާއި އެކަން ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެކަހަލަ ކަމެއް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް އެޗްޑީސީން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައިދިނުމަށް
އެ މައްސަލައާ ގުޅޭ ސުވާލުތަކަށް އެޗްޑީސީގެ ފަރާތުން ޖަވާބު ހޯދައިދިނުމަށް
ތަފްސީލް – މި މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ ހަތް އަހަރު ވެގެންދިޔައިރު އެޕާޓާމަންޓްތައް ނިމިފައި ނުވާއިރު، އެ މަޝްރޫއުއިން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ 100އަަށް ވުރެ ގިނަ މީހުންނަށް ބޮޑެތި ގެއްލުންތަކެއްވެ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގެއްލުންތަކެއް ލިބެމުންދާތީ ކަމަށެވެ.
މައްސަލާގައި ވާގޮތުން:
އެޗްޑީސީން މި މަޝްރޫއު ހަންބޯ ކުންފުންޏާ ހަވާލުކުރިއިރު އެކަށީގެންވާ ގޮތެއްގައި ޑިއު ޑެލިޖަންސް ހަދާފައިނުވާކަމަށް ތުހުމަތުކުރެވޭ
މަޝްރޫއު ކުރިއަށް ގެންދިޔަ ފަރާތުން އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާއިރު ބިމުގެ ވެރިފަރާތުގެ ހައިސިއްޔަތުން އެޗްޑީސީން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށް ތުހުމަތުކުރެވޭ
މަޝްރޫއު ހުއްޓިފައިވާތީ އެޕާޓުމަންޓް ގަނެފައިވާ މީހުންގެ ފަރާތުން އެކަމަށް ހައްލެއް ހޯދައިދިނުމަށް އެޗްޑީސީގައި ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެކަމަށް އެޗްޑީސީން އެކަށީގެންވާ ޖަވާބެއްދީފައިނުވާ ކަމަށް އެމީހުން ބުނޭ
ހުޅުމާލޭގައި ހަދަން ފަށާފައިވާ ކޭ ޕާކް ރެސިޑެންސްގެ އެޕާޓުމަންޓެއް ތެރޭ އާންމުންގެ ބަޔަކު؛ އެތައް ބަޔަކު އެޕާޓުމަންޓް ގަތުމަށް ފައިސާ ދައްކާފައިވޭ
އެޗްޑީސީއަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާއިރު އެޗްޑީސީގެ ބެލެނިވެރިކަމުގެ ދަށުގައި ކުރިއަށްދާ އެފަދަ މަޝްރޫއުތަކުގައި އިހުމާލާއި ގަވައިދާ ހިލާފު ކަންތައްތަކެއް ހިނގާއިވާނަމަ އެކަން ހިނގާފައިވާގޮތް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް މައްސަލާގައި ބުނެފައި ވެއެވެ.
އެސްއޯއީ ކޮމިޓީން މި މައްސަލަ ބަލާއިރު، އެޗްޑީސީގެ ފަރާތުން ޖަވާބު ހޯދަން އެދިފައިވާ ބައެއް ސުވާލުތައް ވެސް މި މައްސަލައާ އެކު ވަނީ ހުށަަހަޅާފަ އެވެ. އެ ސުވާލުތަކަކީ:
މަޝްރޫއު ހަވާލުކޮށްފައިވާ ހަންބޯ ކުންފުނި މިހާރު ކޮބައިތޯއާއި އެ ކުންފުނީގެ ފަރާތުން އެއްބާރުލުން ލިބޭތޯ؟ އަދި މަޝްރޫއު ހުއްޓުމުން ކުންފުނީގެ ފަރާތުން އެޗްޑީސީއާ މުއާމަލާތުކޮށްފައިވޭތޯއާއި މިހާތަނަށް ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއަކީ ކޮބައިތޯ؟
މި މަޝްރޫއު ހަވާލުކުރިއިރު އެ ކުންފުނިން ޕާޕޯމެންސް ގެރެންޓީގެ ގޮތުގައި ބެެހެއްޓި ފައިސާއާމެދު އަމަލުކުރި ގޮތަކީ ކޮބައިތޯ؟
ހަތް އަހަރު ދުވަސްވީއިރު މަޝްރޫއު ނުނިމިގެން އެޗްޑީސީން މިހާތަަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ؟
މަޝްރޫއު ހަވާލުކުރި ކުންފުނިން އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރިތޯއާއި އަމަލުކޮށްފައި ނުވާނަމަ އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ؟
އެޕާޓުމަންޓް ގަތް މީހުންގެ މައުލޫމާތާއި ދެއްކި ފައިސާގެ އަދަދު އެޗްޑީސީއަށް ލިބިފައިވާނަމަ ޖުމްލަ ކިތައް މީހުން އެއްބަސްވުން ހަދާ ފައިސާ ދައްކާފައިވޭތޯއާއި އެއީ ކިހާ ފައިސާއެއްތޯ؟
މަޝްރޫއުގެ މަސައްކަތް މިހާރު އޮތް ހިސާބަކީ ކޮބައިތޯ؟
މަޝްރޫއު ކުރިއަށް ގެންދިއުމުގެ ޒިންމާ މިހާރު އޮތީ ކޮން ބައެއްގެ ބެލުމުގެ ދަށުގައިތޯ؟
އެޕާޓްމަންޓްތައް ގަތް މީހުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެޗްޑީސީން ކުރި މަސައްކަތަކީ ކޮބައިތޯ؟
ފާހަގަކޮށްލެވޭ ކަމެއް – ކޭ ޕާކް ރެސިޑެންސް މަޝްރޫއުގައި ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވި ނަމަވެސް، އެ މަޝްރޫއު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މަޝްރޫއު ހިންގާ މައި ކުންފުނި ހަމްބޯ ޓެކް ކޮރެއާއިން ވަނީ މީގެ ކުރިން ދީފަ އެވެ. އެ ކުންފުނިން ބުނީ މައްސަލަ ޖެހުނީ ރާއްޖޭގެ އެޖެންޓް ކުންފުނި، ހަންބޯ މޯލްޑިވްސްއާ ދެމެދު ކަމަށާއި ދެ ކުންފުނިން ހަދާފައިވާ އެއްބަސްވުން، އެ މައްސަލަ ފެންމަތިވުމާ އެކު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުންތަކާ އެކު އެތަނުން އެޕާޓްމަންޓް ގަތް ބައެއް ފަރާތްތަކުން މިދިޔަ މަސްތެރޭ ވަނީ އެޗްޑީސީއާ ބައްދަލުކޮށްފަ އެވެ.