މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް ގެއްލުންވާ ވަރަށް މުޅި މާލޭގައި މިއަދު ފެންބޮޑުވެއްޖެއެވެ.
މިއަދު ހެނދުނުން ފެށިގެން މާލޭ ހިމެނޭ ގޮތަށް މުޅި ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ. ވިއްސާރައިގެ ތެރެއިން މިއަދު މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ”ސަން“އަށް ބުނީ، މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް އަދި ބުނަން ނޭނގޭ ކަމަށެވެ.
ނަމަވެސް، ބުރުޒު މަގުގައި ހުރި ތިން ގެޔަކަށް ފެން ވަދެފައިވާ ކަމަށާއި، އެ ކަން ކޮންޓްރޯލްކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މި ކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، ރޭ ވާރޭވެހި، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިން ހއ. ހޯރަފުށީގެ ހަ ގެއަކަށް ފެން ވަނުމުގެ ސަބަބުބް އެ ހަ އާއިލާ ރައްކާތެރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލާއި ހަވާލާދީ ލޯކަލް ގަވަނެންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މިއަދުގެ 13:00އިން ފެށިގެން 17:00ގެ ނިޔަލަށް ހއ. އަތޮޅުން ފެށީގެން އދ. އަތޮޅަށް ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.
އަދި، ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ ހަ ފޫޓާއި ނުވަ ފޫޓާ ދެމެދުގައި ކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ވެސް ކުރުން އެކަށީގެންވާތީ، ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ކުރިން ވަނީ މި ތިން ދުވަހުގެ ތެރޭގައި އެއް މަސް ދުވަހުގެ ވާރޭ މާލެއަށް ވެހޭނެ ކަމަށް ލަފާކޮށްފައެވެ.