ބިލިއަނަރުން އެއުޅެނީ އެމީހުންގެ އަތުގައި ހުންނަ ހުރިހާ ފައިސާ ހޭދަކުރާއިރުވެސް އެއެއްޗެއް ނުގަނެވިގެންނެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟ ޖަވާބަކީ އެއީ އޭނާ ލޯބިވާ މީހާގެ ހިތުގެ ލޯތްބެވެ. އެއްވެސް މީހެއްގެ ހިތުގެ ލޯތްބަކީ ފައިސާދީގެން ގަނެވޭނެ އެއްޗެއް ނޫނެވެ.
ފައިސާ ޚަރަދުކުރުމުން ފައިސާއަށް ލޯބިކުރާ އަންހެނަކު ލިބިދާނެއެވެ. ނަމަވެސް ފައިސާއަކުން އޭނާގެވެސް ހިތުގެ ލޯތްބެއް ނުހޯދޭނެއެވެ. އެކަމުގެ ހެއްކަކީ ބިލިއަނަރުން ނަމަވެސް އެމީހުންގެ އަނބިންނަށް ދޭންޖެހޭ ލޯބި ނުދޭނަމަ އަނބިން އެމީހުންގެ ހިތުގެ ލޯބި ނުދޭކަމެވެ. ފައިސާގެ ދަހިވެތިކަމުގައި އެކުގައި އުޅުނަސް، އަދި އަމުރުތަކަށް ކިޔަމަންވެ އަޅަކަށް ހެދިގެން ހުރިނަމަވެސް ހިތް މާދުރުގައި ބާއްވާ ކަމެވެ. ތިމާއަށް އަޅައިލާ ލޯބިދޭމީހާއަށް ހިތްހަދިޔާކުރެވިފައި އޮންނަކަމެވެ.
ދެން އޮތް ބައަށް ދިއުމުގެ ކުރިން މިކުރަނީ އެންމެ މުހިންމު ސުވާލެވެ. އެސުވާލަކީ ބިލިއަނަރުންގެ ތަނަވަސްކަމުން ނުގަނެވޭ އެތި، އަންހެނުންގެ ހިތުގެ ލޯބި، ތިބާއަށް ހިލޭ ލިބުމުން އެއިގެ ވަޒަން ނުކޮށް އެއްލައިލާ މީހުންނާއި އެއްލައިލުމަށްފަހު ފަހަތުން ދުވާ މީހުންނަށްވުރެ ބޮޑެތި މޮޔައިންނަކީ ކޮބައިހެއްޔެވެ؟
މިފަދަ ބޮޑެތި މޮޔައިން ކަމުގައި ނުވެ ދުނިޔޭގައި އުޅެވޭނީ ތިމާ ދެކެ ޙަޤީޤީ ލޯބިވާ މީހަކު ލިބުމުން ގެއްލުވާ ނުލައި އޭނާއާއިއެކުގައި އުޅެން މަސައްކަތްކުރުމުންނެވެ. އަންހެނުންގެ ވާހަކައިން މިސާލުދައްކަމުން ފެށީ ލޯބި ގަންނަން އެންމެ ބޮޑަށް ހޭދަކުރަނީ ފިރިހެނުންކަމަށްވާތީއެވެ.
އަންހެނުންގެ ވާހަކައިން ފެށިނަމަވެސް މިއީ އަންހެނުންވެސް އަދި ފިރިހެނުންވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކެވެ. ތިމާދެކެ ޙަޤީޤީ ލޯބިވާ މީހަކު ލިބުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ނަޞީބެވެ. އެނަޞީބު ލިބުމުން އެކަމަށް އިހްމާލުވުމަކީ އެމީހަކު އަމިއްލައަށް ލިބިގަންނަ އެންމެ ބޮޑު ދެރައެވެ.
ބައިވެރިޔާ، އަނބިދަރިން ނުވަތަ އެހެން ބައަކަށްނަމަވެސް ކިތަންމެ ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރިނަމަވެސް ހިތުގެ ލޯބި ޙާޞިލެއް ނުކުރެވޭނެއެވެ! ވީމާ އެކަމަށް ވިސްނައިލަމާ ހިނގާބަލާށެވެ!
ފުރަތަމަ ކަމަކަށް ހިތްހެޔޮކަމާއިއެކު ބަސް ބުނެ އޯގާތެރިކަމާއި ތެދުވެރިކަމާއިއެކު ކަންކޮށްދިނުމަކީ އަތުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް އެންމެ ގިނަ ޒަމާންތަކަށް ދެމިހުންނާނީ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ތެދުވެރިކަމާއިއެކު ކޮށްދެވޭ ކަންކަމުގެ ހަނދާންތަކެވެ. އަތުން ދެވޭ ގިނަގުނަ ފައިސާތަކަކަށްވުރެ މިކަންކަމުން އަނެކާއަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން މާބޮޑެވެ!
ނަމަވެސް ގިނަ ބައަކަށް މިއަދު އެންމެ ކުރަން އުނދަގޫ ކަމަކަށްވެފައި އޮންނަނީ ހިތްހެޔޮކަން ޢަމަލުން ދެއްކުމެވެ. އޯގާތެރިކަމާއި ތެދުވެރިކަމާއިއެކު ކަންކަން ކޮށްދިނުމެވެ. ސުވާލަކީ އަތުން އެއްވެސް ޚަރަދެއް ނުކޮށް ކޮށްދެވެން ހުރި މިކަންކަން ކޮށް ނުދެނީ ކީއްވެގެންހެއްޔެވެ؟ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ތެދުވެރިކަން އިސް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟
އަހަރެންގެ ނަޒަރުގައި ޖަވާބަކީ ތެދުވެރިން މަދުވުމެވެ. ހިތުން އިޚްލާޞްތެރިކަން ފިލައި ދިއުމެވެ! އެެހން ޢިބާރާތަކުން ބުނާނަމަ އިޙްޞާންތެރިން މަދުވަނީއެވެ. އިހްޞާންތެރިކަން ފިލައިދާވަރަކަށް އިޚްލާޞްތެރިކަން ދާނީ ނެތެމުންނެވެ.
ރަނގަޅަށް ބަލާށެވެ! ގިނަބައެއްގެ ޢާއިލީ ދިރިއުޅުންވެސް ރޫޅެމުން މިދަނީ ހަމަ މިކަންކަމުގެ ސަބަބުންނެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމާއި އިޚްލާޞްތެރިކަން ނެތިގެންދިއުމުންނެވެ. ނަތީޖާއަކަށް ވެގެންދަނީ އަތުން ކިތަންމެ ބޮޑެތި ޚަރަދުތަކެއް ކުރި ނަމަވެސް މިކަންކަން ނެތުމުން ހިތުގެ ލޯބި ކެނޑިގެންދިއުމެވެ. ވީމާ ދެމަފިރިންގެ އާއި ޢާއިލީ ލޯބި ދެމެހެއްޓުމަށްޓަކައި ވެސް މިކަންކަމަށް ސަމާލުކަން ދޭށެވެ!
ހިތްހެޔޮކަމާއި އޯގާތެރިކަމާއި އިޚްލާޞްތެރިކަން ނެތް ނަމަ އެ ޙަޔާތަކީ މަރުވެފައިވާ ޙަޔާތެކެވެ! އެފަދަ ޙަޔާތެއްގައި އެއްވެސް ދިރުމެއް ނުވާނެއެވެ!