ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓު ތަރައްގީކުރަން އިންޑިއާއިން ދިން ލޯނުން ފްލެޓް އެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުން 2018 ވަނަ އަހަރު ވަނީ ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ލޯނު ދީފައެވެ. އަދި އެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި 2022 ވަނަ އަހަރު ވަނީ އެ ކްރެޑިޓް ލައިންގެ ދަށުން އިތުރު 100 މިލިއަން ޑޮލަރު ހަމަޖައްސައި ދީފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ނެގި މި ފައިސާއިން ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓް އަޅަން 300 މިލިއަން ޑޮލަރުވަނީ ކަނޑައަޅާފައެވެ.
ރައްޔިތުން މަޖިލީހުގައި މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ އިންޑިއާ އިން ދިން ކްރެޑިޓް ލައިން ނުވަތަ ލޯނަކީ ރަނގަޅު ޝަރުތުތަކަކާ އެކު ލިބިފައިވާ ލޯނެއް ކަމަށެވެ. އެހެންކަމުން އެ ފައިސާ ބޭނުންކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާކަމަށެވެ.
“ އެއީ ވަރަށް ފެވަރަބަލް ޓާމް އެއްގައި ލިބިފައިވާ ފެސިލިޓީ އެއް. އެގޮތަށް ހައުސިން އަށް އަމާޒުކޮށްގެން ނުވަތަ މިކަހަލަ ޕްރޮޖެކްޓުތަކަށް އަމާޒުކޮށްގެން އެ ނެގޭ ފެސިލިޓީތަކަކީ ފެބަރަބަލް ޓާމްއެއްގައި ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަކަށް ހުރި ފެސިލިޓީތަކެއް.“ ޝަފީގު ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީގު ވިދާޅުވީ މި 4000 ފްލެޓު އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެ ފެލްޓްތައް އަޅާނެ ތަނެއް ނުވަތަ އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.
އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ގުޅިފަޅުގައި އަލަން މިދިޔަ ސަރުކާރުން ނިންމި އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން މި ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ބަދަލުގައި ތިލަފުށީގައި ޕޯޓު ތަރައްގީ ކުރަން މި ސަރުކާރުން ވަނީ ނިންމާފައެވެ.