ދައުލަތުގެ ހަޒާނާ މިމަހު ހުސްވާނެ: އެމްއެމްއޭ
ދެންމެ | 18 އޯގަސްޓް 2024

ވަގުތުން ވަގުތަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ޔޫޒެބުލް ނުވަތަ ބޭނުންކުރެވޭ ރިޒާވް މި މަސް ތެރޭ އެކީ ހުސްވާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އެނގުން މުހިންމު – ބޭނުންކުރެވޭ ރިޒާވުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމަށެވެ. ގައުމެއްގައި ބޭރު ފައިސާއިން ހުންނަ ރިޒާވަކީ އެ ގައުމެއްގެ އިގްތިސާދީ އަދި މާލީ ހާލަތު މިންކުރަން ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުން ބަލާ މިންގަނޑެކެވެ.

ވީ ކިހިނެއް؟ – އެމްއެމްއޭން މިދިޔަ މަހުގެ ފަހުކޮޅު މާލީ ވުޒާރާއަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް ’ދައުރު’އަށް ލިބިފައި ވާއިރު، އެ ސިޓީގައި އެ އިދާރާއިން ވަނީ ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އެކީ ހުސްވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން:

ބޭރު ފައިސާއިން އާމްދަނީ ލިބޭ ސަރުކާރުގެ ބައެއް ކުންފުނިތަކަށް އެ ސިޓީ މާލީ ވުޒާރާއިން މިހާރު ފޮނުވާފައިވާކަން ދައުރުއަށް ވަނީ ކަށަވަރުވެފައި

އެ ސިޓީ އެއްކަރުދާސްކޮށް، މާލީ ވުޒާރާއިން އެދިފައި ވަނީ ބޭރު ފައިސާގެ އާމްދަނީ ސީދާ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށާއި ބޭރު ފައިސާ މާލިއްޔާގައި ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅައިދިނުމަށް

މި ހިނގާ ޖުލައި މަސް ނިމޭއިރު ޔޫޒަބަލް ރިޒާވް ގާތްގަނޑަކަށް 17.6 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި އޮގަސްޓް މަހުން ފެށިގެން ޔޫޒަބަލް ރިޒާވް ހުސްވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

 

އެމްއެމްއޭގެ ސިޓީ

ތަފްސީލް – އެމްއެމްއޭގެ އެ ސިޓީގައި ބުނެފައި ވަނީ، މިދިޔަ މަހުގެ 24ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 365.44 މިލިއަން ޑޮލަރުގައި ހުރިއިރު، ބޭނުންކުރެވޭ ރިޒާވް ހުރީ 21.97 މިލިއަން ޑޮލަރުގައި ކަމަށެވެ. އެ ސިޓީގައި ބުނެފައި ވަނީ:

އަންދާޒާތަކަށް ބަލާއިރު މިދިޔަ މަސް ނިމޭއިރު ބޭނުން ކުރެވޭ ރިޒާވް 17.6 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް

”މީގެ އިތުރުން މި އޮތޯރިޓީން ޖުލައި މަހު ތައްޔާރުކުރި ރަސްމީ ރިޒާވުގެ އަންދާޒާތަކަށް ބަލާއިރު، މި ހިނގާ ޖުލައި މަސް ނިމޭއިރު ޔޫޒަބަލް ރިޒާވް ގާތްގަނޑަކަށް 17.6 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ބެލެވެ އެވެ. އަދި އޮގަސްޓް މަހުން ފެށިގެން ޔޫޒަބަލް ރިޒާވް ހުސްވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ،“ ޖުލައި މަހުގެ ފަހުކޮޅު އެމްއެމްއޭން މާލީ ވުޒާރާއަށް ފޮނުވި ސިޓީގައިވެ އެވެ.

 

އެމްއެމްއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަނީ ޖޫން މަހާ ހަމައަށް ރާއްޖޭގެ ރިޒާވްގެ ތަފާސްހިސާބުތަކެވެ. އެ ތަފާސްހިސާބުތަކުން ދައްކަނީ ޖޫންގެ ނިޔަލަށް:

 

ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ – 509.2 މިލިއަން ޑޮލަރުގައި

 

ބޭނުންކުރެވޭ ރިޒާވް ހުރީ – 66.9 މިލިއަން ޑޮލަރުގައި

އެހެންވެ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގައި ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާ ތެރޭ ސިޓީއަކުން އެދިފައި ވަނީ ޑޮލަރުން މުސާރަ ދިނުން ފަދަ ކަންކަން ކުރުން މިވަގުތަށް ހުއްޓާލުމަށެވެ.

އެ ސިޓީއާ ގުޅޭ ގޮތުން އެމްއެމްއޭއާ ސުވާލުކުރުމުން އެ ތަނުގެ މީޑިއާ ސެކްޝަނުން ބުނީ އެފަދަ ސިޓީއެއް ނުފޮނުވާ ކަމަށެވެ. އެމްއެމްއޭއިން އެހެން ބުނި ނަމަވެސް، އެ ސިޓީ ފޮނުވިކަން އިތުބާރުހުރި މަސްދަރުތަކުން ވަނީ ކަށަވަރުވެފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ސުވާލުކުރުމުން އެ ސިޓީއާ ގުޅޭ ގޮތުން އޭނާ ޖަވާބެއް ނުދެއްވަ އެވެ.

ފާހަގަކޮށްލެވޭ – ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރަން މަހެއްގެ މައްޗަށް 70 މިލިއަން ޑޮލަރު ރާއްޖެއަށް ބޭނުންވެ އެވެ. އެހެންކަމުން، އެމްއެމްއޭން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޒާވް ނަމްބަރުތަކުން ވެސް ދައްކަނީ އެއީ 0.9 މަސްދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރަން ބޭނުންވާނެހާ ފައިސާ ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދެއްކުމަށް މި އަހަރު ތެރޭ ރާއްޖެއިން 508 މިލިއަން ޑޮލަރު ބޭނުންވެ އެވެ.

ރާއްޖޭގެ ބޭނުން ކުރެވޭ ރަސްމީ ރިޒާވް ރެކޯޑް މިންވަރަކަށް ދަށަށް ދާތީ ދުނިޔޭގެ ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖެއަށް ދީފައިވާ ރޭޓިން ’ސީސީސީ ޕްލަސް’އަށް ދަށްކޮށްފަ އެވެ. އެއީ މާލީ ހާލަތު ދަށްވެ ބޭރުގެ ދަރަނި ނުދެއްކުމުގެ ފުރުސަތު ވަރަށް ބޮޑެތި ގައުމުތަކަށް ކަނޑައަޅާ ރޭޓިން އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!