ހަޒާނާ ހުސްވާތީ، ޑޮލަރުން މުސާރަ ނުދޭން އަންގައިފި
ދެންމެ | 18 އޯގަސްޓް 2024

ދައުލަތުގެ ރަސްމީ ބޭރު ރިޒާވް ހުސްވެދާނެކަމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު (އެމްއެމްއޭ) ފާޅުކުރުމުން ކުންފުނިތަކުން ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ވެއްޓޭނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. އަދި މި ހިނގާ އޯގަސްޓު މަހުގައި ޔޫޒަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑުކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭގެ މި ކަންބޮޑުވުންތަކާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީގައި އެދިފައިވަނީ ދައުލަތުގެ ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ވަނީ އެދިފައެވެ.

އަދި ބޭރު ފައިސާގެ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށްވެސް ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.

ފިނޭންސްގެ ސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށްވެސް އެ ސިޓީގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!