ސްކޭމް މައްސަލަތަކުގައި ބޭންކް އެކައުންޓްތަކުގައި ދައުވާ ފައިސާ ކޯޓް އަމުރަކާ ނުލާ ހުއްޓުވުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.
މި އިސްލާހު މަޖލީހަށް ހުށައެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ގަލޮޅު އުތުރު ދާއިރާގެ މްމަބރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާ ހުށައެޅުއްވި ހުށައެޅުމުގައި ބުނެފައިވަނީ މި އިސްލާހުގެ ބޭނުމަކީ ސްކޭމް މައްސަލަތަކުގައި ބޭންކް އެކައުންޓްތަކުގައި ދައުރުވާ ފައިސާ ކޯޓް އަމުރަކާއި ނުލާ ހުއްޓުވޭނެ ހައްލެއް ބޭނުންވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިފައިވާތީ އެކަމަށް ހައްލެއް ހޯދާދިނުންކަމަށެވެ.
މި އިސްލާހުގައި ބުނެފައިވަނީ ސްކޭމްގެ މައްސަލަތައް އާއްމުވަމުންދާ ނިސްބަތަށް ބަލާއިރު މިއީ ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ލިބެމުންދާކަމަކަށްވާތީ މި ބާވަތުގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓް އަމުރަކަށް އެދި ހުށައެޅުމަށް ފުރުސަތު ފަހިކޮށްދިނުމާއި އަދި އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި ވަގުތީ ގޮތުން ސްކޭމްގެ ކޫށް ހިންގުމުގައި ހިނެމޭ އެކައުންޓްގައިވާ ފައިސާ ހިފަހައްޓާ އޭގެ އަސްލު އޮޅުވާލިޔަ ނުދިނުމަށް ކުރެވެންހުރި މަސައްކަތެއް ކުރުންކަމަށެވެ.
މި އިސްލާހުގައިވާ ގޮތުން އެކައުންޓްގައިވާ ފައިސާ ހުއްޓުވުމަށް އަމުރެއް ނެރެވޭނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ އޮފިސަރުންނަށްކަމަށެވެ. އަދި މި މިގޮތަށް އެކައުންޓް ހިފަހައްޓަން ނެރޭ އަމުރު ލަސްނުކޮށް އެ ކައުންތް ހުޅުވާފައިވާ ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އަންގަންވާނެކަމަށްވެސް މި އިސްލާހުގައިވެއެވެ.
މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1400 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ބީއެމްލްއިން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި އޭގެތެރެއިން ގިނައީ އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ހިންގާފައިވާ ސްކޭމްތައްކަމަށްވެސް އެ ބޭނުންކުން ވަނީ ބުނެފައެވެ.
މިއަހަރުގެ ފުރަތަމަ ފަސްމަހު ސްކޭމްގެ 877 މައްސަލަ ވަނީ ރިޕޯޓްކޮށްފައިވާއިރު އެ މައްސަލަތަކުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން ފޭރިގަންފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.
މި އަދަދުތަކަށް ބަލާ މިއަހަރު ނިމޭއިރު 49 މިލިއަން ރުފިޔާ ހަމައެކަނި ސްކޭމް ކޮށްގެން ފޭރިގަންނާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖު ގޮތެއްގައި ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލަ ހުށައަޅައެވެ. އެއީ މަހަކު 192 މައްސަލައެވެ.