ބުޅަލުމަހުގެ ނުރައްކާ!
ދެންމެ | 20 އޯގަސްޓް 2024

ގިނަ ބައެއްގެ ސަމާލުކަން އިއްޔެ ލިބިގެންދިޔައީ ބުޅަލުގެ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވިގެން ބަންގާޅަށް ނިސްބަތްވާ މީހަކު ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކުރި ހަބަރަށެވެ. މިކަން ވެގެންދިޔައީ ދިވެހިންގެ ވަރަށްގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ. ވާނީވެސް އެހެންނެވެ. އެ ދެކެވެނީ ބުޅަލުގެ މަސް ބޭނުންކޮށްގެން ސޭންޑްވިޗާއި، ސަބްމެރިނުގެ އިތުރުން އެނޫންވެސް ހެދިކާތައް ހަދައި މާލޭގެ ކަންމަތީ ފިހާރަތަކުން ވިއްކަމުންދިޔަ ވާހަކައެވެ.

ސޯޝަލް މީޑިއާ ބަލާލުމުން މިކަމަށް ދިވެހިންގެ ސަމާލުކަން އިންތިހާއަށް ލިބިގެންދިޔަކަން ހާމަވެއެވެ. އެކަން އެގޮތަށް ނުވާންވީ ސަބަބެއްވެސް ނެތެވެ. ގިނަ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ކަންމަތީ ފިހާރައިން ސަބްމެރިނެއް ނުވަތަ އެނޫންވެސް އެއްޗެއް ކާލުމަކީ މިހާރު އާދައެކެވެ. ދަރިންގެ އިންޓޯލުގަޑިއަށް ގެންދިއުމަށް ގޭގައި ތަކެތި ތައްޔާރުކުރުމުގެ ބަދަލުގައި ކަންމަތީ ފިހާރައިން ވިއްކާ ސޭންޑްވިޗް ނުވަތަ އެނޫންވެސް ތަކެތި ބޭނުންކުރުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ. މިކަން މިހާ ސީރިއަސް ކަމެއްގެ ގޮތުގައި ނެގުނީވެސް އެހެންވެގެންނެވެ.

ދެން އޮތީ ބުޅަލުގެ މަސް އެއީ ކިހާވަރެއްގެ އެއްޗެއްތޯ ބެލުމެވެ. އެނގޭހާވެސް އެއްޗަކީ ދިވެހިންނަކީ އެއްވެސް ގޮތަކަށް އެއްވެސް އިރަކު ބުޅަލުގެ މަސް ކައިއުޅުނު ބަޔަކަށް ނުވާކަމެވެ. އޭގެ ސަބަބުތައްވެސް އެބަހުއްޓެވެ.

 

ސްޓްރީޓް ކެޓް މީޓް ނުވަތަ މަގުމަތީގައި ގިނަވެގެން އުޅޭ ބުޅަލުގެ މަސް ކެއުމުގެ ސިއްޙީ ނުރައްކާ!

ސިއްހީމާހިރުންގެ އިތުބާރުހިފޭ ލިޔުންތަކަށް ބަލާއިރު އެނގޭހާވެސް އެއްޗަކީ، މަގުމަތީގައި މިއުޅޭ ބުޅަލުގެ މަހަކީ ގިނަ ފަހަރަށް ޒޫނޯޓިކް ބަލިތައް ފެތުރުމަށް މެދުވެރިވާ އެއް ސަބަބެވެ. މިއީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފެތުރިދާނެ އިންފެކްޝަންތަކުން ޖެހޭ ބަލިތަކެކެވެ. މިފަދަ އެއް ބައްޔަކީ ޓޮކްސޮޕްލާސްމާ ގޮންޑީ އެވެ.

މިއީ ޕެރަސައިޓްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހާއްސަކޮށް ރޯކޮށް ނުވަތަ ތަޣައްޔަރުވެފައިވާ ޝިކާރައެއްގައި މި ޕެރަސައިޓް ހުރެދާނެ އެވެ. ބުޅަލުގެ ނުވަތަ އެނޫންވެސް އެބާވަތުގެ ޖަނަވާރެއްގެމަސް ރަނގަޅަށް ނުކެއްކި ކެވިއްޖެ ނަމަ ބަލިޖެހުން ވަރަށް ގާތެވެ.

ޓޮކްސޮޕްލާސްމޯސިސްގެ ސަބަބުން ސިއްޙީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ. ޚާއްޞަކޮށް މާބަނޑު އަންހެނުންގެ ބަނޑުގައި އޮންނަ ދަރިފުޅު ހެދިބޮޑުވުމަށް މިކަމުގެ ނުރައްކާތެރިކަން ވަކިން ބޮޑުވެއެވެ. މީގެ ތެރޭގައި ލޮލުގެ ފެނުމާއި އަޑު އިވުމުގެ މައްސަލަތައް، ސީޒާރސް ނުވަތަ ފިޓް ޖެހުން، އަދި އުނގެނުމާއި ހެދިބޮޑުވުމުގެ މައްސަލަތައް ހިމެނެއެވެ.

 

މީގެ އިތުރުން އިމިއުނޯކޮމްޕްރޮމައިޒްޑް މީހުންނަށް، އެއަށްވުރެ ސީރިއަސް އަލާމާތްތައް ފެނިދާނެއެވެ. އިމިއުނޯކޮމްޕްރޮމައިޒްޑް މީހުންނަކީ އެއިޑްސް، ހަކުރުބަލި، އަދި ކެންސަރު ފަދަ ބަލިކަށް ފަރުވާ ހޯދަމުންދާ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނެވެ.

 

ބުޅަލުގެ މަސް ކެއުމުން ކާނާ ވިހަވުމަށް މަގުފަހިވޭ.

މަގުމަތީގައި އުޅޭ ބުޅާތައް ގިނަފަހަރަށް ސާފްތާހިރުކަން ވަރަށް ކުޑަ ހިސާބުތަކުގައި އުޅެއެވެ. މިފަދަ މާހައުލުތަކުގައި އުޅޭއިރު، ސެލްމޮނެއްލާ، ކެމްޕިލޮބެކްޓަރ، އަދި އީ.ކޮލައި ފަދަ ނުރައްކާތެރި ބެކްޓީރިއާތައް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުޞަތު ބޮޑުވެއެވެ. މި ބެކްޓީރިއާތައް އުފެދިފައިވަނީ ނުރަނގަޅު ގޮތުގައި ބެލެހެއްޓިފައި ހުންނަ، ރޯކޮށް ހުންނަ މަހުގެ ތެރޭގައެވެ.

މިފަދަ މަހުގެ ބާވަތްތަކުން ކާނާ ބޭނުންކުރާ މީހުންނަށް އާދަޔާހިލާފަށް ގޭސްޓްރޮއިންޓެއިންޓައިނަލް ނުވަތަ ބަނޑާއި ގޮހޮރުގެ މައްސަލަތައް ކުރިމަތިވެދާނެއެވެ. މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސާ ހޮޑުލެވުން، ފާހަނާއަށް ދެވުން، އަދި ސީރިއަސް ހާލަތްތަކުގައި ޑީހައިޑްރޭޝަން ފަދަ މައްސަލަތަކާ ކުރިމަތިލާންޖެހި ހޮސްޕިޓަލްގައި އެޑްމިޓްކުރުން ހިމެނެއެވެ.

މިކަމުގައި ދެން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ، މަގުމަތިވެފައިވާ ބުޅާތަކުގެ ހަށިގަނޑުގައި ނުރައްކާތެރި ކެމިކަލް ހުރުމެވެ. މަގުމަތީގައި ގިނަވެގެން އުޅޭ ބުޅާތައް ކެއުމަށް އެއްޗެހި ހޯދަން ނިކުންނައިރު، ޕެސްޓިސައިޑް ނުވަތަ ރޮޑެންޓައިޑް ނުވަތަ މީދާ ފަދަ ތަކެތި ކައެވެ. މީގައިވާ ވިހަ ކެމިކަލްތައް ބުޅަލުގެ ޓިޝޫތަކުގައި ޖަމާވެ، އެފަދަ ތަކެތި ކެއުމުން ކާނާ ވިހަވުމަށް މަގުފަހިވެއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބުޅާ ކަތިލައި އޭގެ މަހުގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދިނުމަށް ޤާނޫނުތައް ހަދާފައި ހުރެއެވެ. މީގެ ތެރޭގައި ބުޅާފަދަ ޖަނަވާރުތައް އެންމެ ގިނައިން ކައި އުޅުނު ކޮރެއާ، ޗައިނާ ފަދަ ޤައުމުތައް ހިމެނެއެވެ. އެމެރިކާގައިވެސް ބުޅާ ކަތިލައި އޭގެމަސް ވިއްކުމަކީ ޤާނޫނީގޮތުން މަނާކޮށްފައި އޮންނަ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!