ބޭންކު ހުންނަ ފައިސާއަށް ވީގޮތް ނޭގެންޏާ ކީއްކުރާ ބޭންކެއް: ގާސިމް
ދެންމެ | 20 އޯގަސްޓް 2024

ރާއްޖޭގެ ބޭންކުތަކުގެ އެކައުންޓުތަކުގައި ހުންނަ ކަސްޓަމަރުންގެ ފައިސާއަށްވާ ގޮތް ބޭންކަށް ނޭނގޭނަމަ ބޭންކެއް ހުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ސްކޭމްތަކުގެ މައްސަލަތަކުގައި ހިިމެނޭ މީހުންގެ އެކައުންޓުގެ ފައިސާ ކޯޓު އަމުރަކާ ނުލައި ފުލުުހުންނަށް ހިފެހެއްޓުމުގެ ބާރު ދޭން ޖިނާއީ އިޖުރާތުގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ އެ އިސްލާހުގެ ތާއިދުކުރައްވާ ކަމަށާއި އެކަމަކު އިސްލާހުގެ ސަބަބުން ފުޅާ ދާއިރާއެއް ގައި ހިންގާ ސްކޭމްގެ މައްސަލަ ނުހުއްޓުވޭނެ ކަމަށެވެ.

ސްކޭމްގެ މައްސަލަތަކުގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާ ޓްރާންސްފާކުރާއިރު އެކަން ހުއްޓުވޭނެ ގޮތަކީ ގާސިމް ދެކިވަޑައިގަންނަވާ ގޮތުގައި ބޭންކިން ގާނޫނަށް އިސްލާހު ގެނައުމެވެ.

”ބޭންކިން ގާނޫނަށް އިސްލާހު ގެނަޔަސް ނުގެނަޔަސް ބޭންކުގެ ޒިންމާއެއް ބޭންކުގައި ހުންނަ މީހުންގެ ފައިސާ ރައްކާތެރިކޮށް ހިފެހެއްޓޭނެ ނިޒާމެއް ކަނޑައަޅައިގެން ގެންދިޔުމުގެ މައްޗަށް ކަންތައްތައް ކުރެއްވުން“ ވިލާ ކުންފުނީގެ ބާނީ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ބޭންކުން ޗެކުތަކަށް ފައިސާ ދޫކުރި އިރު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި އެކަމަކު ސްކޭމްގެ މައްސަލަތައް ގިނަވީ މެޝިންތަކުން ފައިސާ ނެގޭ ގޮތަށް ހެދުން ކަމަށެވެ.

”ކޮމްޕިއުޓާ ޕްރޮގްރާމްގައި ހުރި މައްސަލައެއް ގޮތުގައި އަޅުގަނޑު ފާހަގަކުރަން، އެ ކޮމްޕިއުޓަރު ޕްރޮގްރާމް ހެދިގެން ދާއިރު ހެދެން ޖެހޭނީ ބޭންކުގެ މައްޗަށް ގާނޫނެއް އޮތަސް ނެތަސް އެ މީހުންގެ ކަސްޓަމުންގެ ފައިސާ އެ މީހުން ހިމާޔަތް ކުރުމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރަން“ މީގެ ކުރިން ގަވަރުނަރުގެ މަގާމުވެސް އަދާކުރެއްވި ގާސިމް ވިދާޅުވި އެވެ.

ކޯޑް ނަންބަރެއް ނުވަތަ މީހެއްގެ އެކައުންޓުގެ އޯޓީޕީ ހޯދައިގެން ފައިސާ ނުނެގޭ ގޮތަށް އުސޫލެއް ބޭންކުން އެކުލަވާލަން ގާސިމް ގޮވާލި އެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގަފިއްޔާ ބޭންކުން ޒިންމާ އުފުލަން ޖެހޭ ކަމަށެވެ.

”..އެފައިސާގެ ކަންތައް ހަވާލުވާނެ ގޮތަށް މިކަން ނުކުރެވޭ ކަމަށްނުވަންޏާ ކޮންމެހެން އެ މީހުން ބޭނުމެއް ނޫން ދޯ، އެކަން ކުރާކަށް ކުރެވޭތޭ ނުކުރެވޭތީ ބަަލަން އެތައް މިލިއަން ރުފިޔާ އެއް އެ މައްސަލަ ބީއެމްއެލުން އަދި ކޮންމެ ބޭންކަކުން ކުރި މަސައްކަތާއި ކުރެވުނު މަސައްކަތެއް ހޯދަން“ ގާސިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!