މުޑުދާރުކޮށް ކާބޯތަކެތި ހަދާ ތަންތަން އާދަޔާޚިލާފަށް ގިނަ، ހުއްޓުވާނަން: މިނިސްޓަރު
ދެންމެ | 20 އޯގަސްޓް 2024

ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފަށާފައިވާ އޮޕަރޭޝަނުގައި، މިހާތަނަށް ވަދެވުނު ތަންތަނަށް ބަލާއިރު މުޑުދާރުކޮށް ކާބޯތަކެތި ހަދައި ވިއްކުން ވަރަށް ފުޅާކޮށް ކުރިއަށް ގެންދާ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ރާއްޖެއިން ފުރުވާލަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގައި، ފެންމަތިވި އަނެއް މައްސަލައަކީ ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތުމެވެ. މުޑުދާރުކޮށް، އެކި ބާވަތްތައް ހަދައި ފިހާރަތަކާއި ކެފޭތަކުގައި ދަނީ ވިއްކަމުންނެވެ.

އިމިގްރޭޝަނުން ބަލައި ފާސްކުރި ބައެއް ތަންތަނުގައި ބިދޭސީން ދިޔައީ އާއްމުކޮށް ފިހާރަތަކުން ގަންނަ ބާވަތްތައް ކަމަށްވާ ތެލުލި ފަތާއި ކުދި ގުޅަ އާއި ފޯއް ޕެކެޓް ފަދަ ތަކެތި ހަދައި ވިއްކަމުންނެވެ. މި އޮޕަރޭޝަނުގައި، މާލޭގައި އުޅޭ ބުޅާތައް ހިފައި، އޭގެ މަހުގައި ކާބޯތަކެތި ތައްޔާރު ކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ހޯމް މިނިސްޓަރު އިހްސާން މިއަދު ވިދާޅުވީ އެ އޮޕަރޭޝަންގައި އިމިގްރޭޝަނަށް ވަދެވޭ ތަންތަނުގައި ވިޔަފާރިއަށް، އަދާޔާހިލާފަށް ގިނައިން ކާބޯތަކެތި ތައްޔާރުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ހުރި ތަންތަން ހޯދައި އެކަން ހުއްޓުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

”މި ތަންތަން ހަމަ ޑެއިލީ އަޅުގަނޑުމެން އެބަ ރެއިޑް ކުރަން. އެ އޮޕަރޭޝަންތައް ކުރިއަށް ދާނެ. އެ ޔަގީންކަން އަޅުގަނޑު ދެން،“ ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާ ބައްދަލުކުރަން މިއަދު އިސްކަންދަރު ކޮށީގައި އޮތް ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުމެވެ. އެކަން ހާސިލް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކޮށްލުމާއި އެ މީހުން އަލުން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް އެހީވެ، މައްސަލަތައް ރިޕޯޓް ކުރަން މިދިޔަ މަހު 17 ގައި ”އިމިގްރޭޝަން ވޮޗް“ ތައާރަފްކުރި އެވެ. އެ ޕޯޓަލަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 290 މައްސަލަ ރިޕޯޓް ކޮށްފައިވެ އެވެ.

މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ 150 އަށް ވުރެ ގިނަ މީހުން ވަނީ އެ އޮޕަރޭޝަންގައި ހިފަހައްޓައިފަ އެވެ.

މި އޮޕަރޭޝަނާ ހެދި، ފުޅާދާއިރާއެއްގައި ބިދޭސީން ހިންގި ބައެއް ވިޔަފާރިތައް ހުއްޓި ތަންތަން ބަންދުކުރަން ޖެހިފައި ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި، މާލޭގެ މާރުކޭޓުތަކުގެ ގޮޅިތައް ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!