ޖޭއެސްސީގެ ވަގުތު ހަމަވަނީ ބިރު ދައްކާނެ ކަމެއް ނެތް: ޓޮމް
ދެންމެ | 29 ޖޫން 2022

ދަށު ކޯޓުތަކާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުން ބިރުގަނެވަޑައިނުގަތުމަށް އެދިވަޑައިގަތުމާއެކު މިހާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން މިއަންނަނީ ނިމުމަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުކަމުން ވަކިކުރާ ފަނޑިޔާރުންނަށް ވަކާލާތުނުކުރެވޭ ގޮތް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ޤާނޫނީ ފަންނުގެ ޤާނޫނު އިސްލާހުކުރުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރަކު ކޮށްގެން ނުވާނެ ފަދަ އަމަލެއް ކޮށްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ އެ މައްސަލަ މަޖިލީހަށް ހުށަހަޅާ އެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ހިސާބުން ވަކީލުކަމުގެ ހުއްދަ ވެސް އޮޓަމެޓިކުން ނެގިގެން ދާނެއެވެ.

ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރުކަމުން ވަކިކުރާ މީހުންނަށް ދުވަހަކު ވެސް ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވެއެވެ.

މިއަދު މިބިލަށް ބަހުސްކުރައްވަމުން ޓޮމް ވިދާޅުވީ މި އިސްލާހަކީ މި ސަރުކާރު ނިމެން އަހަރެއްހައި ދުވަހަށް ވެފައިވާއިރު މި ސަރުކާރު ސިޔާސީ ގޮތުން ނިމުމަކަށް އަންނަކަން އެނގޭތީ ފަނޑިޔާރު ގެތަކުގެ ބާރު ގެއްލިދާނެތީ، ފަނޑިޔާރު މަޅިއަށް ފައްތަންވެގެން ކުރާ ކަމެއް ކަމަށެވެ.

އަދި އެ އިސްލާހަށް ފާޑުވިދާޅުވަމުން ޓޮމް ވިދާޅުވީ ޤާނޫނު އަސާސީގައި ލިބިދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ކޮންމެ މީހަކަށްވެސް ވަޒީފާ އަދާކުރުމުގެ ޙައްޤާއި މިނިވަންކަން ޤާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާއިރު، އެ ޙައްޤު ހަނިކުރެވޭނީ މިނިވަން ދިމުޤުރާތީ މުޖުތަމަޢުގައި އެ ހައްގު ހަނިކުރާ މިންވަރަށް ޤާނޫނަކުން ކަމަށެވެ.

މިހާރު ހުށަހަޅާފައިވާ ބިލަކީ ޚާއްޞަކޮށް ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ޖުމްލަކޮށް ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކައިގެން ޖޭއެސްސީގެ އަތްމަތީގައި ކޮންޓްރޯލު ބާއްވައިގެން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ރައީސް ޢަބްދުﷲ ޔާމީން ފަދަ ސިޔާސީ ބޭފުޅުންގެ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން ކަމަށްވެސް ޓޮމް ތުހުމަތުކުރެއްވިއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!