އަލީ ޒާހިރު ބޭންކަށް 2.3 މިލިޔަން ދައްކަން ހައިކޯޓުން ވެސް ތާއީދު ކޮށްފި
ދެންމެ | 29 ޖޫން 2022

އޯވަޑްރާފްޓުގެ ގޮތުގައި ބޭންކުން ދޫކުރާ ފައިސާއަކީ އެކައުންޓުގެ ވެރިފަރާތަށް ބޭންކުން ދޫކުރާ ލޯނެއް ކަމަށާއި އަދި, އެ ފައިސާ އަނބުރާ ދެއްކުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިހެން ކަނޑައެޅީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ލިޔުނު ޗެކަކަށް އޭނާގެ އެކައުންޓުގައި ނެތް ފައިސާތަކެއް ދޫކުރި މައްސަލައެއްގައި އިއްވި ހުކުމުގަ އެވެ. އެ ހުކުމުގައި ހައި ކޯޓުން ބުނީ، އަލީ ޒާހިރުގެ ކަރަންޓު އެކައުންޓުން އޯވާޑްރޯކުރި ފައިސާއަކީ ބޭންކުން އޭނާއަށް ދިން ”ފްރީ ގިފްޓެއް“ ކަމުގައި ބެލެވެން ނެތް ކަމަށެވެ.

މޮރިޝަސް ކޮމާޝަލް ބޭންކުގައި އަލީ ޒާހިރު ހުޅުވާފައިވާ އެކައުންޓުން 2.3 މިލިއަން ޑޮލަރު ނެގޭ ގޮތަށް އަބްދުﷲ ނަސީރު މުހައްމަދު ކިޔާ މީހަކަށް އޭނާ ޗެކެއް ލިޔުނެވެ. އޭނާ އެ ޗެކު ލިޔުނީ، ނަސީރު އޭނާގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާގެ ޗެކެެއް ޑިޕޮސިޓް ކުރިކަމުގެ ލިޔުން ބޭންކުން އޭނާއަށް ހަވާލުކުރުމުންނެވެ. ނަމަވެސް, ނަސީރުގެ ޗެކުގެ ފައިސާ އަލީ ޒާހިރުގެ އެކައުންޓަށް ޖަމާވެފައި ނުވުމުން، އޭނާގެ އެކައުންޓުން 2.3 މިލިއަން ރުފިޔާ ނަގާފައި ވަނީ އޯވާޑްރާފްޓުގެ ގޮތުގަ އެވެ.

އެ ފައިސާ އަނބުރާ ބޭންކަށް ދައްކަން ޖެހުނުއިރު، ނަސީރު ވަނީ އެ ފައިސާ ބޭނުންކޮށްފަ އެވެ. އެހެންކަމުން، ނަސީރުއާ އަލީ ޒާހިރުއާ ދެމެދު އެއްބެސްވެފައިވާ ގޮތުގެ މަތިން އަލީ ޒާހިރު ވަނީ އެ ފައިސާ ލޯނެއްގެ ގޮތުގައި ދެއްކޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ބޭންކަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް, 2018 ވަނަ އަހަރު ބޭންކުން ވަނީ 10 ދުވަސް ތެރޭ އެ ފައިސާ ދެއްކުމަށް އަންގާ އަލީ ޒާހިރަށް ޑިމާންޑް ލެޓާއެއް ފޮނުވާފަ އެވެ. މައްސަލަ ކޯޓާ ހަމައަށް ދިޔައީ އެ ހިސާބުންނެވެ.

އަލީ ޒާހިރުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ކޮމާޝަލް ބޭންކުގެ ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައަޅައި، ބޭންކުން ދީފައިވާ ނޯޓިހުގެ ދަށުން އޭނާ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ، މޮރިޝަސް ބޭންކުގެ ސިޓީ ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ، މައްސަލަ ބެއްލެވި ބެންޗުގެ އަގުލަބިއްޔަތުން ކަމަށްވާތީ، މި މައްސަލާގައި ފަނޑިޔާރުންގެ ރައުޔު ތަފާތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!