ލޯނެއް ނުދައްކައިގެން އަލްހާނާއި އާއިލާ ހަ މިލިޔަން ދައްކަން ހުކުމް ކޮށްފި
ދެންމެ | 30 ޖޫން 2022

ކިންގް ފޮރެކްސްގެ ނަމުގައި ކުންފުންޏެއް ހަދައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ ނުދިން މައްސަލާގައި މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވޭ އަލްހާން ފަހުމީ އާއި އޭނާގެ އާއިލާ ބޭފުޅުން ނެގި ލޯނަކަށް 6.3 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމްކޮށްފި އެވެ.

އަލްހާނާއި އޭނާގެ ކޮއްކޮ އަޒްހާން ފަހުމީ އާއި ހާމިދު ފަހުމީ އަދި މުހައްމަދު ފަހުމީ 6.3 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ މ. ފިނިވާގެ 2 ނަމްބަރު ބައި ރަހުނު ކުރުމަށްފަހު އަލްހާނާއި އަޒްހާން 2016 ވަނަ އަހަރު ނެގި ލޯނަށް ފައިސާ ނުދެއްކުމުންނެވެ.

އޭރު ނެގި 6.4 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ 6.39 މިލިއަން ރުފިޔާ އިއްޔެއާ ހަމައަށް ހުއްޓެވެ. ބޭންކުން ދައުވާ ކުރުމުން ކޯޓުން ހުކުމްކުރީ ތިން މަސް ތެރޭގައި އެ ފައިސާ އާއި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ބޭންކަށް ދެއްކުމަށެވެ.

ފައިސާ ދައްކައި، ނިމެންދެން ރަހުނުގެ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ. އެ މައްސަލާގެ ޝަރީއަތަށް ހާޒިރުނުވުމުން އެ މައްސަލަ ކޯޓުން ނިންމީ ޣައިރު ހާޒިރުގަ އެވެ.

ކިންގް ފޮރެކްސްގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއް އެތައް ބައެއްގެ އަތުން އަތުލުމަށްފަހު ފައިސާ ނުލިބި އަދި އެންމެ ފަހުން ފުލުހުން މިހާރު ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!