ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނަން ޖެހޭ: ހުތުބާ
ދެންމެ | 29 މެއި 2026

ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭކަމަށާއި، އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ޚާއްޞަކޮށްފައިވަނީ ’ހޭދަކުރުމުގައި އިޤުތިޞާދުކުރުން‘ މި މައުޟޫގެ މައްޗަށެވެ.

މިއަދުގެ ހުތުބާގައި ވަނީ، މުދަލަކީ އަހަރެމެންނަށްޓަކައި ލައްވައިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމުގައި ބުނެފައެވެ.

މީގެއިތުރުން މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރާންވާނެކަމަށާއި، އަދި މުދާ ލިބުމަށް ފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބަޔާންކޮށްފައެވެ. އަދި މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެކަމަށާއި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުހރލިވުމަށް ވެސް ނަސޭހަތްތެރިވިއެވެ.

މީގެއިތުރުން ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައް ވާކަން ދަނެގެން،އެ ޙައްޤުތަކުން އެމީހުން މަޙުރޫމު ނުކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.އަދި އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެކަން ވެސް ހަނދާން ކޮށްދިނެވެ.

މީގެއިތުރުން އިސްރާފު ކުރުމާ ގުޅޭގޮތުން ވެސް ހުތުބާގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.އެގޮތުން އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ކަމަުގައި ވާއިރު، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުމުން ދުރުހެލިވުމަށް ވެސް ނަސޭހަތްތެރިވިއެވެ. އަދި އިސްރާފުކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ.

ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭކަމަށާއި، އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވުމަށް ވެސް ހުތުބާގައި ވަނީ ނަސެހަތްތެރިވެފައެވެ.

ހުތުބާ ނިންމާލަމުން ވަނީ ، އިޤުތިޞާދުކުރުމާ މެދު ފުންކޮށް ވިސްނުމަށް ގޮވާލާފައެވެ.އަދި ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެކަމަށާއި، އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރުމަށް ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!