ގަތަރުން ދިން ހަދިޔާ ޗާލުސް ގަނޑުވަރަށް ވެއްދީ ކަޅު ފޮށީގައި
ދެންމެ | 02 ޖުލައި 2022

ގަތަރުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް، ކަޅުފޮށްޓެއްގައި ކުރެއްވި 1 މިލިޔަން ޔޫރޯގެ ހަދިޔާ އިނގިރޭސި ވަލީއަހުދު ފްރިންސް ޗާލްސް ގަބޫލުކުރައްވައި ގަނޑުވަރަށް ގެންދަވާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސަންޑޭ ޓައިމްސް ނޫހުން ބުނެފިއެވެ.

ސަންޑޭ ޓައިމްސް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން މިއީ ގަތަރުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމްގެ ފަރާތުން ޕްރިންސް ޗާލްސްއަށް ލިބިވަޑައިގެންނެވި ހަމައެކަނި ހަދިޔާއެއް ނޫނެވެ. އޭގެ ކުރިންވެސް މިކަހަލަ ދެ ފޮށްޓެއް ޗާލްސްވަނީ ގަނޑުވަރަށް ގެންދަވައިފައެވެ. އެހެންވީމާ ޖުމްލަ ތިން މިލިޔަން ޔޫރޯގެ ނަގުދު ފައިސާ ތިން ފަހަރެއްގެ މަތިން ޗާލްސްގެ ގަނޑުވަރު ކަމަށްވާ ކްލަރެންސް ހައުސްއަށް ވަނީ ވަދެފައެވެ. މި ތިން ފޮށިވެސް އެ ގަނޑުވަރަށް ވައްދާފައިވަނީ 2011 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދޭތެރޭގައި ކަމަށް ސަންޑޭ ޓައިމްސް ނޫހުން ބުނެއެވެ.

އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްގެ ރަސްމީ ގަނޑުވަރަކީ ކްލަރެންސް ހައުސްއެވެ. އެ ގަނޑުވަރަށް ކަޅު ފޮށިފޮށީގައި ވެއްދި ތިން މިލިޔަން ޔޫރޯއަކީ ކޮން ބޭނުމެއްގައި ކީއްކުރަން ގަތަރުން ކުރި ހަދިޔާއެއްކަން ބަޔާންކޮށްފައެއް ނުވެއެވެ. މި ހަދިޔާގެ ވާހަކަ ނޫސްތަކުގައި ލިޔުނީމާ ކްލަރެންސް ހައުސްގެ ފަރާތުން ބުނެފައިވަނީ އެފައިސާ ވަގުތުން އެކި ޚައިރާތު ފަންޑުތަކަށް ދެވިފައިވާ ކަމަށާއި މިކަމުގައި އުސޫލުތަކާއި ގާނޫނުތަކާއި ޚިލާފު އެއްވެސް ކަމެއް ހިނގާފައިނުވާ ކަމުގައެވެ.

ޕްރިންސް ޗާލްސްގެ ބެއްލެވުމުގެ ދަށުގައިވާ ޚައިރާތު ފަންޑުތަކުގެ މައްސަލަ ފަހަކަށް އައިސް ފުލުހުންގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އެގޮތް މެދުވެރިވީ ސައުދީ މަހުޖަނަކަށް އިނގިރޭސިވިލާތުގެ ޝަރަފުގެ އިނާމަކާއި ސިޓިޒަންޝިޕްވެސް ހޯދައިދިނުމަށް މިއިން ފަންޑަކުން މަސައްކަތް ކޮށްފައިވާކަން ބޭޒާރުވުމުންނެވެ. ޕްރިންސް ޗާލްސްގެ ޚައިރާތަށް ދެވޭ އެހީއަކީ އެދުމެއް އޮވެގެން އެރުވޭ ވެދުމެއްކަން ފަޅާއެރުމުންނެވެ.

ގުޅުންހުރި ލިޔުންތައް