އަޅުގަނޑަކީ ދަމްނަމާދުކޮށް ސުންނަތް ރޯދަ ހިފާ މީހެއް، އެއްޖިންސުން ގުޅުން ނުހިންގަން: ކާނަލް
ދެންމެ | 06 ޖުލައި 2022

ދައުރުވަމުންދާ ވީޑިއޯ ތަކުގައި ބަރަހަނާ ކޮށް ހުރީ އޭނާ ނޫން ކަމަށާ ކިތަންމެ ވަރެއް ކުރިއަސް ބުލެކް މެއިލް ކުރާ މީހުންނަށް ފައިސާ ނުދެއްވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވެއްޖެ އެވެ.

ކާނަލް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ބޭފުޅުންތަކެއް ބިދޭސީ ފިރިހެނަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ފޮޓޯތައް އާންމުވެފައިވާ ވަގުތެއްގައި ނަޝީދުގެ ފޮޓޯއާއި ވީޑިއޯ ވެސް އާންމުވެފައި ވަނިކޮށެވެ.

މިިދިޔަ މަހުގެ 27 ވަނަ ދުވަހު ފުރަތަމަ އާންމުވީ ނަޝީދުގެ ފޮޓޯ އެވެ. އޭގެފަހުން އިއްޔެ ވަނީ ވީޑިއޯ އެއްވެސް އާންމުވެފަ އެވެ.

ނަޝީދަށް އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން އޭނާ މިއަދު ވަނީ ފޭސްބުކްގައި ދިގު ޕޯސްޓެއް ކުރައްވާފައެވެ. ވިދާޅުވީ ސޯޝަލް މީޑިޔާގައި އޭނާއަށް ގަނާކުރާ — ފުރައްސާރަ ކުރާ — ގިނަ މީހުންގެ ފަތިފުއްބަލާލައިފިނަމަ މާ ހުތުރު ކަންކަން އެބަހުރި ކަަމަށެވެ. ނަމަވެސް އެއިން އެކަކު ވެސް ފަލީހަތްވެ ދުނިޔެއަށް ބޭޒާރުވަން އެދިވަޑައިނުގަންނަވާ ކަމަށެވެ.

”… ގަމީހުގެ ފަތިފުށް ބަލާލާއިރު މިލަ އާއި ކިލާ ނެތް ހަމަ އެކަކު ވެސް ނުހުންނާނެ. ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާނގެ ފުއްސަވާދެއްވާނެ. މާތްﷲ ގެ ހަޟްރަތުގައި އޮތް އަޅުގަނޑުގެ ފާފައަށްވުރެ ތިބާގެ ފާފަ ބޮޑު ވުމަކީވެސް އެކަށީގެންވާ ކަމެއް،“

ނަޝީދު ވިދާޅުވީ އެއްވެސް އާދަމުގެ ދަރިއެއްގެ ހައްގަކަށް އޭނާ އަރައިގެންފައި ނޯންނާނެ ކަމަށާ އޭނާއަކީ އެއްއިރެއްގައިވެސް ދީނަށް ފުރައްސާރަ ކުރި މީހެއް ނޫން ކަމަށެވެ.

”އަޅުގަނޑަކީ ދީނަށް ލޯބި ކުރާ ދީނަށް ނަސްރުދޭ މީހެއް. އަޅުގަނޑު އަބަދު ވެސް ނަމާދުކޮށް އަޅުގަނޑުގެ ފާފަތައް ފުއްސަވާދެއްވުން އެދި ދުއާ ކޮށް އަސްތަގްފާރު ކުރަން. މި ހިތްދަތި ދަނޑިވަޅެއްގައިވެސް ޖަމާއަތަށް ނަމާދަށް ދަން. ކޮންމެ ރެއަކު ދަމުނަމާދު ކުރަން. ސުންނަތް ރޯދަ ހިފަން. މާތް ﷲ ގެ މަގުގައި ހޭދަ ކޮށް ސަދަގާތް ދެން. ބަލިމީހުންނަށް އެހީ ވާން. ކުދިން ބޭރަށް ކިޔަވަން ފޮނުވައިދެން. މިކަންކަން އަޅުގަނޑު ކުރާނީ ކަނާތުން ކުރާ ކަންކަން ވާތަށް ނޭގޭހާ ސިއްރުން. މިއީ ދެއްކުންތެރިކަމުގެ އަމަލުތައް ނޫން. އަޅުގަނޑުގެ މުޅި ހަޔާތް މި ހޭދަކުރީ މީހުންގެ ކަންކަން ކޮށް ދިނުމުގައި. މިއަދު އަޅުގަނޑަކީ ވަލުޖަނަވާރެއްގެ ގޮތަށް ބަޔަކު ސިފަ ކުރަން އުޅުނަސް އެކަން ނުވާނެ. އަޅުގަނޑު ކެތްތެރިކަން ހޯދަނީ ނަމާދުން،“ ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ނަޝީދު މިއަދުވެސް ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯ ތަކުގައި ބަރަހަނާ ކޮށް ހުރީ އޭނާ ނޫން ކަމަށާ ކިތަންމެ ވަރެއް ކުރިއަސް ބުލެކް މެއިލް ކުރާ މީހުންނަށް ފައިސާ ނުދެއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!