ކިރުކެޔޮ މިއީ މާޅޮސްކޭލާއި ކާށި ކިރުން ތައްޔާރުކުރާ ނިކަން މީރު ބުއިމެކެވެ.
އަހަރުމެންގެ މި ރެސިޕީގައި ބޭނުން ކޮށްފައި ނުވީނަމަވެސް ބައެއް މީހުން ކިރުކެޔޮ ހަދަނީ ފޮނިތޮށްޓާއި ކާފޫރުތޮޅި އަޅައިގެންނެވެ. އެހެންވީމައި އެތަކެތި އަޅަން ބޭނުމިއްޔާ އަޅާލާށެވެ. އަދި މާފެން ލިބެން ފަސޭހަ ނުވުމުން އަހަރުމެންގެ ރެސިޕީގައި އެ ބޭނުން ކޮށްފައި ނެތް ނަމަވެސް އަތުގައި މާފެން ފޮދެއް ހުރިނަމަ އެ ބޭނުން ކުރާނެ ގޮތް އިރުޝާދުތަކުގެ ތެރޭގައި ހިމަނާފައި ވާނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 2-3 މީހުންނަށް ވާވަރަށެވެ.
ބޭނުންވާ ތަކެތި:
2 މޭޒުމަތީ ސަމުސާ ހަނޑޫ ފުށް (އަހަރުމެން ބޭނުން ކުރީ ރާޅު)
1 ޖޯޑު ފެން ކިރު
1 މާޅޮސްކެޔޮ
4 ޖޯޑު ފެން (މާޅޮސްކެޔޮ ފެނު ކައްކަން)
½ 1 ޖޯޑު ފެން (ކިރުކެޔޮ ކައްކަން)
6 އިންޗި ރާނބާ
½ ޖޯޑު ހަކުރު (ނޫނީ ބޭނުން ވަރަކަށް)
½ ޖޯޑު ބޯކިރު
1 މޭޒުމަތީ ސަމުސާ ރޯޒްވޯޓަރ
ހަދާނެ ގޮތް:
1. ހަނޑޫ ފުށާއި ފެންކިރު ބޯތަށްޓަކަށް އަޅާ އެއްކޮށްލާފައި އެހަށް ބަހައްޓާލާށެވެ.
2. މާޅޮސްކޭލާއި 4 ޖޯޑުގެ ފެން ބޮޑު ތެއްޔަކަށް އަޅާށެވެ. ދެން މާޅޮސްކޭލުގެ ތޮށިގަނޑުގެ ތެރެއިން ފަސޭހައިން އުލެއް ހަރާލެވޭނެ ވަރަށް އެ މަޑުވަންދެން ކައްކާށެވެ. އަހަރުމެންގެ މާޅޮސްކެޔޮ މަޑުވީ 12 ވަރަކަށް މިނެޓުންނެވެ.
3. ދެން މާޅޮސްކެޔޮ ފެންގަނޑުން ނަގާފައި ހިހޫކުރަން އެހަށް ބާއްވާށެވެ.
4. ހިހޫވީމައި ތޮށި ނޮޅާށެވެ.
5. މާޅޮސްކެޔޮ ދިގަށް 4 ބަޔަށް ވާގޮތަށް ކޮށާލާށެވެ. ދެން މެދުގައިވާ ކަރުގަނޑު ނަގާ އެއްލާލާށެވެ. ދެން ދިގަށް ކޮށާފައި ހުރި މާޅޮސްކެޔޮކޮޅު ތުނިކޮށް ހުރަހަށް ކޮށާށެވެ. ފޮށްޗެއްގެ ބޯމިނުގައި އަހަރުމެން ބެހެއްޓީ ގާތްގަނޑަކަށް ސެންޓިމީޓަރެއް ވަރެވެ.
6. ½ 1 ޖޯޑު ފެނާއި، ރާނބާ ފަތާއި، ހަކުރު ބޮޑު ތެއްޔަކަށް އަޅައި މެދުގިނީގައި ކައްކާށެވެ. މާފެން ހުރިނަމަ ފެނުން އެތިކޮޅެއް މަދުކޮށްލާފައި އެ މަދުކުރި ބައިގެ ބަދަލުގައި މާފެން ފޮދު އަޅާލާށެވެ.
7. ހަކުރު ކޮޅު އެއްކޮށް ގިރޭ ވަރަށް ކެކުމުން، މާޅޮސްކެޔޮ އަޅާ އެއްކޮށްލާފައި ބޮކިޖަހާ ކެކި ގަންނަންދެން ކައްކާށެވެ.
8. ދެން އެއްކޮށްފައި ބެހެއްޓި ހަނޑޫފުށާއި ފެންކިރު ތެއްޔަށް އަޅާށެވެ. އަޅަމުން ދާއިރު ގެންދަންވާނީ ހުއްޓާނުލާ ގިރަމުންނެވެ.
9. ތެލީގައި ހުރި ތަކެތި އޮލަވަންދެން މެދު ގިނީގައި ހުއްޓާނުލާ ގިރަމުން ކައްކާށެވެ. ކައްކާނީ ދޭފަތުގައި ފަށަލެއް ލެވޭ ވަރަށް އޮލަ ވަންދެނެވެ. އަހަރުމެންނަށް މިކަމަށް ނެގީ ގާތްގަނޑަކަށް 20 މިނެޓެވެ.
10. ދެން ބޯކިރު އަޅާ އެއްކޮށްލާފައި ގިނި މަޑު ކޮށްލާށެވެ. ދެން މިނެޓެއްވަރު ކައްކާލާށެވެ.
11. އުނދުން ނިވާލާފައި ރޯޒްވޯޓަރ އަޅާށެވެ. މާފެން ބޭނުން ކުރިނަމަ ކޮންމެހެން އަޅާނެ ކަމެއް ނެތެވެ.