ގެއްލިގެން ހޯދާ މީހާ ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ ފެނިއްޖެ.
ދެންމެ | 09 ޖުލައި 2022

ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ، އެ އަތޮޅު ކެނދިކުޅުދޫއަށް ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހެނބަދޫ، އިބްރާހިމް ރާމިޒު، 28 އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް ފަހުން ޚަބަރެއް ނުވެގެންނެވެ.

އެމްއެންޑީއެފުން ބުނީ ރާމިޒު ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ކެނދިކުޅުދޫގެ ހުޅަނގު އުތުރު ފަރާތު އަތިރި މައްޗަށް ލައްގާފައި އޮއްވައި ފެނުނީ އާންމުންގެ މީހަކަށް ކަމަށެވެ. އެކަމަކު ގެއްލުނު މީހާއެއް ނުފެނެ އެވެ.

ގެއްލިގެން ހޯދާ ރާމިޒު ކެނޯއެއްގައި އެކަނި މަޑުމައްޗަށް ނިކުތް ކަމަށް ބެލެވިގެން އާއިލާ އިން އެކަން ފުލުހުންނަށް ހިއްސާކޮށްފައިވާތީ ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ކަނޑުގެ ސަރަހައްދު ބަލާ ހޯދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އަދިވެސް އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ދަނީ ހެނބަދޫ އާއި ކެނދިކުޅުދޫ ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. ސިފައިންގެ ޑޯނިއާ މަތިންދާބޯޓުގައި ވައިގެ މަގުން ވެސް އެ ހިސާބުގެ ކަނޑު ބަލާފައިވެ އެވެ.

 

ރާމިޒު އެންމެ ފަހުން މީހަކަށް ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އަށެއް ޖަހާކަށްހާއިރު އެ ރަށުގެ ބަނދަރުމަތިންނެވެ. އޭރު އޭނާ ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ލައިގެން ކަމަށްވެ އެވެ. މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން އޭނާ ގެއަށް ނުދާ ކަމަށްވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!