އަންނި އާއި ޖާ މަރުކޮމިޝަނަން ހާޒިރު ނުކުރަނީ ކީއްވެ؟
ދެންމެ | 15 ޖުލައި 2022

އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާސީމް އަލީ މަރުގެ މައްސަލަ ވެސް ތަހްގީގް ކުރަމުންދާ ރައީސް ސޯލިހްގެ ރިޔާސީ ކޮމިޝަނަށް ކުރީގެ ރައީސް މުހައްމަދު ނަސީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާޝަން ރީކޯ މޫސަގެ ދަނބިދަރި އަބުދުﷲ ޖާވިދު (ޖާ) ހާޒިރު ނުކުރާ މައްސަލައިގައި ސުވާލު އުފެދެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގް ކުރުމަށް ރައީސް ސޯލިހް އުފައްދާފައިވާ މަރުކޮމިޝަނުން ކުރީގެ ނޫސްވެރިޔާ ރިލްވާނާއި ބޮލޮގަރު ޔާމީން ރަޝީދުގެ އިތުރުން ޑރ. އަފްރާސީމްގެ މައްސަލަ ވެސް ގެންދަނީ ތަހްގީގް ކުރަމުންނެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ޑރ. އަފްރާސީމަށް ހަމަލާދީ އެމަނިކުފާން ގަތުލްކޮށްލާފައިވާ އިރު، މިމައްސަލައިގެ އަސްލެއް އަސާސެއް މިއަދާއި ހަމައަށް ހޯދިފައެއް ނުވެ އެވެ. ޑރ. އަފްރާސީމްއަށް ހަމަލާ ދިނީ ކޮން ސަބަބާއި ހުރިކަމެއް ސީދާ އަދިވެސް ސާފެއް ނުވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަސީދު އޭރު ވިދާޅުވެފައި ވަނީ ޑރ. އަފްރާސީމަށް ހަމަލާދިނީ ކައިރި ގައުމަކުން ރާއްޖެ ގެނައި ބައެއް ކަމަށާއި އެހަލާދީ ޑރ. އަފްރާސީމް ގަތުލުކުރުމަށް ފަހު އެމީހުން ހަމަ އެރޭ ރާއްޖޭން ފުރުވާލާފައިވާ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު އަވައްޓެރި ދެ ގައުމެއްގެ ޖާސޫސީ އިދާރާތަކުން އެމަނިކުފާނަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. މިފަދަ މަރުގެ މައްސަލައެއްގައި ކުރީގެ ރައީސްކަން ކޮށްފައިވާ ބޭފުޅަކު މިފަދަ ބޮޑު ތުހުމަތެއް ކޮށް،  މިހާ ސާފް އިބާރާތުން ރައްޔިތުންނާއި ހިއްސާކޮށްފައިވާ އިރު މިކަމުގެ އިތުރު މައުލޫމާތު ހޯއްދެވުމަށް އެމަނިކުފާން މަރުކޮމިޝަނަށް ހާޒިރުކޮށް ސުވާލު ނުކުރަނީ ކީއްވެ ބާ އެވެ؟

މާފަންނު ހާޖަރާގޭ އަބުދުﷲ ޖާވިދުގެ މައްޗައް ވެސް އޭރު ފުލުހުން ތުހުމަތުތަކެއް ކޮށް، ހައްޔަރު ކޮށް، ތަހްގީގް ހިނގާ ބަޔާންތަކެއް ނަނގާފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރު ޖާ ފުލުހުންނަށް ދިން ބަޔާންތަކާއި އެހެންވެސް ތަހްގީގަށް ހޯދި ހޯދުންތައް ވެސް ވަނީ ވީނުވީއެއް ނޭނގި ފުލުހުންގެ އިދާރާއިން ގެއްލިފަ އެވެ. އޭރު ތަހްގީގުން އާއްމްވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަފްރާސީމް މައްސަލާގައި މިހާރު ހުކުމްކޮށްފައިވާ ހުމާމަށް ރީކޯ މޫސަ ވިދާޅުވެގެން 3 މިލިޔަން ރުފިޔާ ހަވާލުކޮށްފައިވާ ކަމަށް އޭރު ޖާވިދު ވަނީ ބުނެފަ އެވެ. އެހެންކަމަށް ވާނަމަ އޭރު ތަހްގީގަށް ހޯދިހީދުންތައް އަލުން ބަލައި ތަހްގީގް ނުކުރަންވީ ކީއްވެ ހެއްޔެވެ؟

މަރުކޮމިޝަނުން ޑރ. އަފްރާސީމް މަރުގެ ތަހްގީގް ފުރިހަމަކުރަމުންދާ އިރު، މައްސަލައިގެ ގޯލްޑަން އަވަރސްގައި އެއްކުރެވިފައިވާ ހެކިތަކާއި މައުލޫމާތުތައް ދޫކޮށްލަނީ ކީއްވެ ތޯ އެވެ.

ގުޅުންހުރި ލިޔުންތައް