ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް އިސްލާ ކުރަން ޖެހޭ: ސިރާޖް
ދެންމެ | 19 ޖުލައި 2022

ފުލުހުންގެ ހިދުމަތް އިސްލާހު ކުރަން ސަރުކާރަށް އަދިވެސް ކުޑަ ފުރުސަތެއް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް މިއަދު ވިދާޅުވެއްޖެއެވެ.

ސިރާޖް މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތާއި ގުޅޭ ގޮތުން އާންމުން ފާހަގަކުރާ ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރާ ވާހަކަ، ފުލުހުން ވާނުވާގައި މީހުން ބަހައްޓަން ބޭނުންވާ ވާހަކަ، ފޭދޫގައި ފުލުހުން ގޭންގްތަކުން ރިޝްވަތު ނަގައިގެން އުޅޭ ވާހަކަ، ފުލުހަކު ދިއްފުށީގައި މީހަކަށް އަނިޔާކުރަން ބައިވެރިވި ވާހަކަ، ފުލުހަށް މައްސަލައިގައިދާ ވަކީލު ހައްޔަރު ކުރާ ވާހަކަ އަދި ފުލުހުން ނޫސްވެރިން ހާޒިރު ކުރާ ކަހަލަ ލަދުވެތި ވާހަކަތައް މިހާރު އިވޭ ކަމަށެވެ.

އެފަދަ ވާހަކަތަކުން ސަލާމަތްވެ ފުލުހުންގެ ހިދުމަތް އިސްލާހުކުރަން މި ސަރުކާރަށް އަދިވެސް ކުޑަ ފުރުސަތެއް އެބަ އޮތް ކަމަށް ސިރާޖު ވިދާޅުވިއެވެ.

”މި ފުރުސަތު ނަގާ ނުލުމަށް ގޮވާލަން.“ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު ސިރާޖް ވިދާޅުވިއެވެ.

ދާދި ފަހުން ދިއްފުށީގައި މީހަކަށް އަނިޔާ ކުރި މައްސަލައިގައި ފުލުހަކު ބައިވެރިވި ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަަށް ވަނީ އަމާޒުވެފައެވެ. ފުލުހުންނާއި ގުޅޭ ގޮތުން ހުށައެޅޭ ސުލޫކީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ތަހުގީގްކޮށް ފިޔަވަޅު އަޅަމުންދާ ކަަމަށް ފުލުހުންގެ އިސް ވެރިން ވިދާޅުވެއެެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އިދާރީ ފިޔަވަޅު އަޅައި ފުލުހުން ވަޒީފާއިން ވެސް ވަކިކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!