ދިވެހި ޕާސްޕޯޓް ދެކުނު އޭސިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓަށް
ދެންމެ | 20 ޖުލައި 2022

ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުގައި ބޭނުންކުރާ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބް ދިވެހިރާއްޖޭގެ ޕާސްޕޯޓަށް ލިބިއްޖެއެވެ.

ކޮންމެ އަހަރަކު އާއްމުކުރާ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކުގެ ލިސްޓަކީ ހެންލީ ޕާސްޕޯޓް އިންޑެކުހުން އާއްމުކުރާ ލިސްޓެކެވެ. މި ލިސްޓަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ މައި ޖަމިއްޔާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާފައި ނެރޭ ލިސްޓެކެވެ.

މި ލިސްޓުގައި ޕާސްޕޯޓެއްގެ ބާރުގަދަކަން ކަނޑައަޅަނީ އެ ޕާސްޕޯޓަކާއެކު ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދުންނެވެ.

ހެންލީ ޕާސްޕޯޓް އިންޑެކުހުން މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ނެރުނު ލިސްޓުގައި ރާއްޖެއަށް ލިބެނީ 63 ވަނައެވެ. އަދި ދިވެހި ޕާސްޕޯޓާއެކު 89 ޤައުމަކަށް ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެވެއެވެ. މިދިޔަ އަހަރުގެ ލިސްޓުގައި ރާއްޖެ އޮތީ 66 ވަނައިގައެވެ. އޭރު ރާއްޖޭގެ ޕާސްޕޯޓާއެކު 88 ގައުމަކަށް ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެއެވެ.

މި ސަރަހައްދުގެ އެހެން ޤައުމުތައްކަމަށްވާ އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ބޫޓާން އުޅެނީ ރާއްޖެއަށްވުރެ މާފަހަތުގައެވެ. އަދި އަފްޤާނިސްތާނާއި ޕާކިސްތާނު އުޅެނީ ލިސްޓުގެ އެންމެ ފުލުގައެވެ. މިގޮތުން އިންޑިއާގެ ޕާސްޕޯޓާއެކު ދަތުރުކުރެވެނީ 60 ޤައުމަށެވެ. ބޫޓާން ޕާސްޕޯޓުގައި 54 ޤައުމު، ލަންކާ ޕާސްޕޯޓުގައި 42 ޤައުމަށް އަދި ބަންގްލަދޭޝް ޕާސްޕޯޓުގައި ދަތުރުކުރެވެނީ 41 ޤައުމަށެވެ.

މި ލިސްޓުގެ އެންމެ ފުލުގައި އުޅޭ އަފްގާނިސްތާނުގެ ޕާސްޕޯޓުގައި ވީޒާ ނުނަގާ ދަތުރުކުރެވެނީ 27 ޤައުމަކަށެވެ. ޕާކިސްތާނުގެ ޕާސްޕޯޓުގައި ވީޒާ ނުނަގާ ދަތުރުކުރެވެނީ 32 ޤައުމަކަށެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ މިއަހަރުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވަނީ، މިދޔަ އަހަރެކޭ އެއްގޮތަށް ޖަޕާނުގެ ޕާސްޕޯޓެވެ. އެ ގައުމުގެ ޕާސްޕޯޓާއެކު ވީޒާ ނުނަގާ 193 ގައުމަކަށް ދަތުރުކުރެވެއެވެ. 2 ވަނަ ލިބެނީ ސިންގަޕޫރޫ، ސައުތު ކޮރެޔާއަށެވެ. އެ ގައުމުތަކުގެ ޕާސްޕޯޓާއެކު ވީޒާ ނުނަގާ 192 ގައުމަކަށް ދަތުރުކުރެވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!