އެމްޑީޕީގެ ސަރުކާރަކީ ވަގުންނަށް އެންމެ ބޮޑަށް ހިމާޔަތާއި ރައްކާތެރިކަން ދިން ސަރުކާރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި ހިންގި ހައުސިންގ މަޝްރޫއާ ގުޅިގެން ދިމާވި މައްސަލަތައް ޙައްލުނުވެ ދިގުލައިގެންދާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ހުށަހެޅުއްވި ޤަރާރުގެ ބަހުސްގެ މަރުހަލާގައެވެ.
ފަލާހު ވިދާޅުވީ މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އޮތް މައްސަލައެއްކަމަށެވެ. މިއީ ރަނގަޅު ނިޔަތެއްގައި ހުށައެޅުއްވި ގަރާރެއްކަމަށްވާނަމަ، މިއީ އަދި ވަރަށް ރަނގަޅު މައްސަލައެއްކަމަށް ފަލާހު ވިދާޅުވިއެވެ. ގަރާރަށް ބަހުސް ނުކުރައްވާ، ސަރުކާރަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އެމްޑީޕީގެ މެންބަރުން ބަހުސް ކުރައްވާފައިވާތީ ގަރާރާއިމެދު ސުވާލު އުފެދޭކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، ކޭޕާކް މައްސަލަ އުފަންވެގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަމަށެވެ.
އެއަށްފަހު އެމްޑީޕީއަށް ބަރާބަރު 5 އަހަރު މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ލިބިވަޑައިގެންކަމަށް ފަލާހު ވިދާޅުވިއެވެ. ކޭޕާކް މައްސަލައިގެ ތެރޭގައި ތުހުމަތުވާ މީހުން ވަނީ އެމްޑީޕީގެ ސަރުކާރުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު، އެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ފަލާހު ވިދާޅުވިއެވެ.
ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޭޕާކްގެ ވެރިންނަށް އެމްޑީޕީގެ ވެރިކަމުގައި ވަރަށް ބޮޑު ހިމާޔަތާއި ރައްކާތެރިކަންދީ، އެބޭފުޅުން، ކޭޕާކްގެ ވެރިންގެ ގޮތުގައި ތިބި ބޭފުޅުން އެމްޑީޕީގެ ވެރިންގެ ރަހުމަތްތެރިންގެ ގޮތުގައި އުޅުން މަންޒަރު.
ފަލާހު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތުވާ ފަރާތްތަކަށް އެންމެ ބޮޑަށް ހިމާޔަތާއި ރައްކާތެރިކަން ދީފައިވަނީ އެމްޑީޕީގެ ސަރުކާރުގައިކަން، މިއީ ދިވެހި ރައްޔިތުން ދެބަސް ނުވާނެ ހަގީގަތްކަމަށް ފަލާހު ވިދާޅުވިއެވެ. މިފަދަ ފަރާތްތަކަށް ނުހައްގުން ބަދަލުގެ ގޮތުގައި އެތައް ފައިސާއެއްވެސް ދޫކޮށްފައިވާކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ސިޔާސީ މަގްސަދު ހާސިލްކުރުމަށް އެމްޑީޕީއިން ގަރާރު ހުށައަޅާކަމަށްވާނަމަ، އޭގެ އަނިޔާ ލިބޭނީ ހަމަ އެމްޑީޕީއަށްކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، މިއީ އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަމުގެ ސަބަބުން އެކަކު އަނެއްކަކަށް އަނިޔާ ދިނުމަށް ހުށައަޅުއްވާ ގަރާރުތަކެއްކަމަށެވެ.



