މިނިވަންކަން ދެމެހެއްޓޭނީ އެންމެން އެކުގައި ގައުމު ބިނާ ކޮށްގެން: މެޑަމް ފަޒުނާ
ދެންމެ | 26 ޖުލައި 2022

އެންމެން އެކީގައި ގައުމު ބިނާ ކުރެވޭނީ މިނިވަންކަން މެނޭޖުކުރަން ދަސްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 57 ވަނަ މިނިވަންދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ރާއްޖޭޓީވީގެ ޕްރޮގްރާމަކަށް މިއަދު ދިން އިންޓަވިއުއެއްގައި، ފަޒްނާ ވިދާޅުވީ މިއަދު ހުރިހާ ރައްޔިތުން ވެސް މިނިވަންކަން މެނޭޖުކުރަން ދަސްކުރަން ޖެހޭ ކަމަށެވެ.

”މިނިވަންކަމޭ ކިޔާފަ އެކަކު އަނެކަކާ ވާހަކަ ނުދެއްކޭ ހިސާބަށް ގޮސްގެން ނުވާނެ. މިއަދު އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރު ކަމާއެކު އެކަން ބަލައިގަނެ ކޮންމެ މީހަކުވެސް ފަރުދީ ހައިސިއްޔަތުން ނަމަވެސް މިނިވަންކަން މެނޭޖުކުރަން ދަސްކުރަން،“ ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ އެންމެން އެކުގައި ގައުމު ބިނާ ކުރުމުގައި ކުރަން ޖެހޭ މަސައްކަތް ކުރެވޭނީވެސް މިނިވަންކަން މެނޭޖުކުރުމަކީ ކިހާ މުހިއްމުކަމެއްކަން އެނގިގެން ކަމަށާއި ގައުމެއްގެ ހައިސިއްޔަތުންވެސް އަދި ފަރުދީ ހައިސިއްޔަތުން ނަމަވެސް މިއަދު އެކަން ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ވަކިވަކި ބައެއްގެ ގޮތުގައި ނޫޅެ އެންމެ އެކުގައި އަދި ގައުމެއްގެ ގޮތުގައި ކުރިއަށް ދެވޭނީ އޭރުން ކަމަށް ފަޒްނާގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް