ދައުލަތަށް ލިބެން ޖެހޭ 400 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
ދެންމެ | 23 އޯގަސްޓް 2022

މިރާއިން ދަނީ ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީރާގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 478،961،589 (ހަތަރު ސަތޭކަ ހަތްދިހަ އަށް މިލިއަން ނުވަސަތޭކަ ފަސްދޮޅަސް އެއް ހާސް ފަސްސަތޭކަ އަށްޑިހަ ނުވަ) ރުފިޔާ ވަނީ ހޯދާފައެވެ.

މިފައިސާގެ ތެރޭގައި ހިމެނެނީ ޑިއުޒް ކްލިއަރަންސް މެދުވެރިކޮށް 222 މިލިއަން ރުފިޔާ ރިމައިންޑަރ ކޯލްސް އަދި އީމެއިލްތައް ކޮށްގެން 30 މިލިއަން ރުފިޔާ އަދި ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ހޯދާފައިވާ 497810 (ހަތަރު ލައްކަ ނުވަދިހަ ހަތްހާސް އަށްސަތޭކަ ދިހަ) ރުފިޔާއެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 96 ފަރާތަކަށް ހަމަޖައްސާދީފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާގެ ރިޕޯޓްގައިވާ ގޮތުން ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ، 2.8 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމަނާއަށް އަރާފައިވާ 2.3 ބިލިއަން ރުފިޔާއާއި އެކު ޖުމްލަ 5.1 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބައޮތެވެ.އަދި ޓެކްސް ނޫން އާމްދަނީން ނުލިބި 3.1 ބިލިއަން ރުފިޔާ އެބައޮތްކަމަށްވެސް މީރާގެ ރިޕޯޓްގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!