ކާނަލް ނަސީދުގެ ބަންދަށް ވެސް 7 ދުވަސް ޖަހައިފި
ދެންމެ | 29 ޖުލައި 2022

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރް (25) އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން އިއްޔެ ފަށާފައިވާއިރު، މި އޮޕަރޭޝަންގެ ތެރެއިން ކާނަލް ނަޝީދު ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ، މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 45 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ދެން ހައްޔަރު ކޮށްފައިވަނީ އުމުރުން 46 އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުއެވެ. ނާޒިމްގެ ބަންދަށް ވެސް ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 7 ދުވަސް ޖަހާފައެވެ.

ނާޒިމް އާއި ކާނަލްގެ އިތުރުން ވެސް ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް އިއްޔެ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ ބަންދާއި މެދު އަދި ގޮތެއް ނިންމާފައިވާކަމެއް އެނގިފައެއް ނުވެއެވެ.

އަލަމްގީރް އާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރަން ފަށާފައިވާއިރު، އޭނާ ވަނީ މިމަހުގެ 12 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!