ގުޅުން ބަދަހިކުރަން ތިން ވަޒީރަކު ގަތަރަށް ދަތުރުފުޅެއް ކުރައްވައިފި
ދެންމެ | 15 އޯގަސްޓް 2022

ގަތަރާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ތިން ވަޒީރަކު އެގައުމަށް ދަތުރުފުޅެއް ކުރައްވައިފި އެވެ.

ގަތަރަށް ވަޑައިގެންނެވީ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން އެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ އުރީދޫގެ ޗެއަރޕާސަން ފާތިމާ އަލް ކައުވްރީގެ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އެހީގައި މުއްސަނދިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަތަރުގެ މުހިންމު މުއައްސަސާތަކާއެކު ބައްދަލުކުރެއްވުންތަކެއް މި ދަތުރުގައި ވަނީ ބާއްވާފަ އެވެ. އެގޮތުން، ގަތަރު ފައުންޑޭޝަނާއި، އެ ޤައުމުގެ ތިމާވެއްޓާއި ބެހޭ ވަޒީރާއި ޓެކްނޯލޮޖީއާއި ބެހޭ ވަޒީރާއި ބައްދަލުކުރައްވާ އެ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުންތަކުގެ އިތުރުން، ގަތަރުގެ ޤައުމީ ކުތުބުހާނާގެ މަސައްކަތްތަކާއި އިންތިޒާމްތައް މި ޑެލިގޭޝަނުން ބައްލަވާލެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!