އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސްއަށް 25000 ރުފިޔާ ދޭން ނިންމައިފި
ދެންމެ | 16 އޯގަސްޓް 2022

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަދުންނަށް 2021 ވަނަ އަހަރުގެ ބޯނަހުގެ ގޮތުގައި 25000 ރުފިޔާ ދޭން ނިންމައިފިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް އެންމެފަހުން ބޯނަސް ދިނީ 2019 ވަނަ އަހަރުއެވެ. އަދި ކޯވިޑްގެ ފަހުން ބޯނަސް ދީފައެއް ނުވެއެވެ.

2019 ވަނަ އަހަރު ކުންފުނީގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ދިނީ 7،870.79 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ބޯނަހުގެ ގޮތުގައި ދޭ 25 ހާސް ރުފިޔާއަކީ މީގެކުރިން ދިން ބޯނަސް ފައިސާއާ އަޅާބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.

އެމްއޭސީއެލް ބުނާގޮތުން ބޯނަހުގެ ގޮތުގައި 25،000ރ. ލިބޭނީ 2021 ވަނަ އަހަރު އެއްކޮށް އެ ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފުންނަށެވެ. އަދި މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުންނެވެ. އެކަމަކު، ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކުރި މުވައްޒަފުންނަކަށް ބޯނަހެއް ނުލިބޭނެއެވެ.

އެމްއޭސީއެލުގެ އޮފިޝަލަކު ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބޯނަސް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!