ރައީސް ބަދަލުވެގެން އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓޭނެ: ނަސީދު
ދެންމެ | 23 ޖެނުއަރީ 2023

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބަދަލުވެގެން މިހާރު ހިންގާ އެއްވެސް މަޝްރޫއެއް / މަަަސައްކަތއް ނުހުއްޓޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ”ހިތް“ ގޮތުގައި އޮތް އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވަކި ބޭފުޅަކަށް ޕްރައިމަރީގައި ވޯޓް ނުދެއްވައިފިނަމަ ތަަރައްގީ ހުއްޓޭނެ ކަމަށް ބުނާ އަޑު އިވިވަޑައިގަންނަވާ ކަމަށާ އަދި މިހާރު ހިނގަމުންދާ މަަސައްކަތްތައް ހުއްޓިދާނެ ކަމުގެ ބިރު ބައެއް މެންބަރުންގެ އެބައޮތް ކަމަށެވެ.

ނަޝީދު މިއަދުވެސް ވިދާޅުވީ ސަރުކާރުން ވީ ވައުދުތައް ފުއްދެމުން ނުދާ ކަމަށާ ތަރައްގީގެ ނަމުގައި ހިންގާ މަސައްކަތްތަކުގައި އަމާޒެއް / ރޭވުންތެރި ކަމެއް ނެތް ކަމަށެވެ. އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެ މަސައްކަތް ތާރީހަށް ނިންމާ ނުލެވޭނެ ކަމަށެވެ. ނަމަވެސް މަގުތައް ކޮންމެސް ދުވަހަކުން ހަދާ ނިންމޭނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ މަސައްކަތެއް / މަޝްރޫއަކީވެސް ކޮންޓްރެކްޓް ކުރެވިގެން ހިންގާ ކަންކަން ކަމަށާ އެހެން ކަމުން އެއީ އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދީގެން ކުރިއަށް ދާނެ ކަންކަން ނޫން ކަމަށެވެ. ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު ބަދަލު ވެގެން އެއްވެސް މަސައްކަތެއް ނުހުއްޓޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

”ކަންބޮޑުވެ ލައްވާނެ ކަމެއް ނެތް، މި ތަންތަނަކީ ކޮންޓްރެކްޓެއްގެ ދަށުން ކުރަމުންދާ މަސައްކަތް. ރައީސުލްޖުމްހޫރިއްޔާ ބަދަލު ވެގެން އެ ކޮންޓްރެކްޓް ނުފެށި ފަށާފައި ހުރި މަސައްކަތްތައް ހުއްޓޭނެ އެއްވެސް ތަނެއް ނެތް. އެއީ އަޅުގަނޑަށް ނުފެނޭ ރައީސުލްޖުމްހޫރިއްޔާ ހަންޖެއް ހިފައިގެން މިތާންގައި އުޅޭ ތަނެއް. އޭނާ ބަދަލުވެގެން އެ ބޭފުޅާ ބަދަލުވީތީވެ ކޮންޓްރެކްޓަކެއް ހުއްޓިދާނެ ކަމަށް ބައެއް ބޭފުޅުން އެބަ ކަންބޮޑުވެ ލައްވާ،“

ރައީސް ނަޝީދު ވިދާޅުވީ މަސައްކަތްތައް ހިންގަންވެސް، ކޮންޓްރެކްޓް ކުރިއަށް ގެންދަވަންވެސް އެނގިވަޑައިގަންނަވާ ކަމަށާ އެކަމާއި އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައިނުގެންނެވުމަށެވެ.

މި އަހަރުގެ ނޮވެންބަރުގައި އެމަނިކުފާނުގެ ސަރުކާރެއް އުފެއްދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އައްޑޫއާމެދު ގެންގުޅުއްވާ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ.

ވިދާޅުވީ ހަގީގީ އެމްޑީޕީގެ ސަރުކާރެއްގައި އައްޑޫ އެއާޕޯޓް ތަރައްގީ ކުރެވޭނެ ކަމަށާ ޓޫރިޒަމަށް އެ ސިޓީ ހުޅުވާލާނެ ކަމަށެވެ. އަދި ވެރިކަމުގެ ހުވާ ކުރެއްވުމާއެކު އައްޑޫގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ލޯނު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން ނޮވެންބަރު މަހު މި އަހަރުގެ، އިރާދަކުރެއްވިއްޔާ 85 ގެސްޓްހައުސް ހެދުމަށްޓަކައި ކޮންމެ ގެސްޓްހައުސް އަކަށް ލުއި ލޯނު ލިބޭނެ. އެއީ ޝައްކު ކުރައްވާ ކަމެއް ނޫން. އަދި މިތަންތަން ހަދާ ނިމެންދެން ކޮންމެ ދުވަހަކު ހެނދުނު އަޅުގަނޑު ބަލަހައްޓައިގެން ހުންނާނަން،“ ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!