އެމްއެމްއޭ ދެކޮޅަށް ސޮނެވާ ރިސޯޓްތަކުން ކްރިޕްޓޯ ކަރަންސީ ގަބޫލުކުރަން ފަށައިފި
ދެންމެ | 18 އޯގަސްޓް 2022
ލަގްޒަރީ ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ސޮނެވާ ކުންފުނިން ކްރިޕްޓޯ ކަރަންސީ ގަބޫލުރަން ފަށައިފިއެވެ.

ފަތުރުވެރިކަމާ ގުޅުންހުރި ނޫހެއް ކަމަށްވާ ބިޒްނަސް ޓްރެވެލާ އިން ބުނި ގޮތުގައި ސޮނެވާއިން ގަބޫލު ކުރަން ފެށީ ކްރިޕްޓޯގެ ތެރޭގައި ހިމެނޭ ބިޓް ކޮއިން އާއި އެތީރިއަމްއެެވެ. ތައިލެންޑާއި ރާއްޖޭގައި ހުންނަ އެ ކުންފުނީގެ ޕްރޮޕަޓީތަކުގައިވެސް މި ފައިސާ ބޭނުން ކުރެވޭނެ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ސޮނެވާގެ ދަށުން ރާއްޖޭގައި ހިންގާ ސޮނެވާ ފުށި، ސޮނެވާ ޖާނީ، ސޮނެވާ އިން އަކުއާ އަދި ތައިލެންޑުގައި ހުންނަ ސޮނެވާ ކިރިއަށް ދާ ފަތުރުވެރިންނަށް ޑިޖިޓަލް ފައިސާއިން ޕޭމަންޓް ދެއްކުމަށް ޕޭމަންޓް ޗެނަލެއްވެސް ވަނީ ހަދައިފައެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ސޮނެވާއަކީ އެ ކުންފުނީގެ ރިސޯޓުތަކުގެ ވިލާތައް ވިއްކާ ހަމައެކަނި ކުންފުންޏެވެ. މި ޕޭމަންޓުތަކުގައިވެސް ޑިޖިޓަލް ފައިސާ ބޭނުން ކުރެވޭގޮތް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ސޮނެވާއިން ރާއްޖޭގައި ޑިޖިޓަލް ފައިސާ ބޭނުން ކުރަން ފެށި ނަމަވެސް ރާއްޖޭގައި މިފަދަ ޕޭމަންޓް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެމްއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. އެހެންކަމުން އެ ކުންފުނިން އެކަން ކުރަނީ ހުއްދަ ލިބިގެން ކަމެއް އަދި އެނގިފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!