ކަރެކްޝަންްސްގެ މައި އިދާރާ ރައީސް ހުޅުވައިދެއްވައިފި
ދެންމެ | 10 ނޮވެމްބަރ 2025

ރައީސް ޑރ. މުހައްއްމަދު މުއިއްޒު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މައި އިދާރާގެ އާ އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ބިނާކޮށްފައިވާ އެ އިމާރާތް ރައީސް މިއަދު މެންދުރު ހުޅުއްވައިދެއްވީ އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތަށް ވަޑައިގެންނެވުމާ އެކު އެމަނިކުފާނަށް މަރްހަބާ ވިދާޅުވީ ހޯމް މިނިސްޓަރު ޢަލީ ޢިހްސާނާއި އަދި ކޮމިޝަނަރު އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. އެއަށްފަހު، އެމަނިކުފާނަށް ޝަރަފުގެ ގާޑެއް ވަނީ އަރުވައިފަ އެވެ.

އެ އިމާރާތް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސް މުއިއްޒެވެ.

ކަރެކްޝަނަލް ސާވިސްގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި، އެ އިދާރާގެ ހެޑްކުއާޓާސްގެ އިމާރާތަކީ، ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12،000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. އެ ހެޑްކުއާޓާސް އަށް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހެޑްކުއާޓާސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފަ އެވެ.

ސޯޅަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމް.ސީ.އެސް ހެޑްކުއާޓާސްގެ 15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން، 170 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!