ދިހަ ޕަސެންޓް މީހުން ވެސް ނަސީދަށް ތާއީދެއް ނުކުރޭ: ފައްޔާޒު
ދެންމެ | 19 އޯގަސްޓް 2022

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ދިހަ ޕަސެންޓް މީހުން ވެސް ތާއީދު ކުރާކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސް އާއި ގުޅޭގޮތުން މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ބޮޑު ތާއީދެއް އޮތްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާ ވިދާޅުވުމަކީ، އެމަނިކުފާނުގެ އަމިއްލަފުޅު ވިސްނުންފުޅެއް ކަމަށެވެ. އަދި ފައްޔާޒުގެ ވިސްނުމުގައި އެއީ، ކަންއޮތްގޮތް ނޫންކަމަށާ، އޭނާގެ ވިސްނުމުގައި ރާއްޖޭގެ ދިހަ ޕަސެންޓް މީހުންވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ސާޅީސް އަށް ޕަސެންޓްކަމެއް އެއްޕަސެންޓް ކަމެއް ދެ ޕަސެންޓް ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭ. މިހާ ހިސާބަށް އަޅުގަނޑުގެ ވެސް ކޮންމެވެސް ވަރެއްގެ ތަޖުރިބާއެއް ހުރެދާނެ. އަޅުގަނޑަކީ ވަރަށް ގިނަ ރައްޔިތުންނާ ވަރަށް ކައިރިން ބައްދަލުވާ މީހެއް. އަހެންވީމަ، އަޅުގަނޑު އަންދާޒާ ކުރާއިރުގައި، އަޅުގަނޑު ނުދަންނަވާނަން، ދިހަ ޕަސެންޓްވެސް ބަރުލަމާނީއަށް ތާއީދުކުރަން ނިންމައިގެން ތިބިކަމެއް. އަދި މުޅި ރާއްޖެއަށް ބަލާލާއިރު އަޅުގަނޑު ގަބޫލެއް ނުކުރަން އެއާވެސް ކައިރިކުރާނެކަމެއް.“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ގެންދަވަނީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އަދި އެ މަސައްކަތުގައި ފައްޔާޒުގެ ތާއީދާއި އެހީތެރިކަން ވަރަށްބޮޑަށް ބޭނުންފުޅުވާކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!