އޮރިޔާން ނުވަނީސް އަވަހަށް ގާސިމް ފަހަތަށް އަރާ: ނިހާން
ދެންމެ | 30 އޯގަސްޓް 2023

އޮނު އޮރިޔާން ނިވާކުރަން އަނދެގެން އުޅޭ މުންޑު ނުބޭލެނީސް ގޮތް ދޫކުރެއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ގާސިމް އެޑްވައިޒާރ އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން މި ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރިޔާސީ ކެމްޕެއިނަށް ރ.ދުވާފަރަށް ވަޑައިގެން ނިހާން ވިދާޅުވީ މިސަރުކާރުގައި ނޫނީ ރައްޔިތުންގެ މަޖިލީސް ސަރުކާރަކަށް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ދެވަނަ ދައުރެއް ރައްޔިތުން ދޭން މި އެމްޑިޕީން ބުނެގެން ނުވާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ކުރިމަތީ އޮރިޔާން ނުވަނީސް ގޮތް ދޫކޮށް ގާސިމްގެ ފަހަތަށް އެރުމަށް ނިހާން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

”ލަދުހަޔާތުގެ ކަންފުޅެއް މިސަރުކާރަކު ނެތް. އިތުރަށް އޮނު އޮރިޔާން ނިވާކުރަން އަނދެގެން އުޅޭ މުންޑު ދިވެހި ރައްޔިތުންގެ ކުރިމަތީގައި ނުބޭލެނީސް އަޅުގަނޑު ދުވާފަރުން ދަންނަވާލާން މިއަދުގެ ސަރުކާރަށް ތިޔަ ބޭފުޅުން ކެމްޕެއިން ހުއްޓާލައްވާފައި ގެޔަށް ވަޑައިގެން ތި ތާއިދު ގާސިމް އިބްރާހިމަށް ދެއްވާށޭ.“. ނިހާން ވިދާޅުވިއެވެ.

އަލީ ވަހީދުއަކީ މިސަރުކާރުގައިވެސް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި އެ ބޭފުޅާއަށް މިސަރުކާރުގެ ކަންތައް ހިނގަމުންދާގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދުވާފަރަށް ވަޑައިގަތުން

”ކޮންމެ ވާހަކައެއް ކޮންމެ މީހެއްގެ ބޮލުގައި އެޅުވިދާނެ. ކޮންމެ މީހެއްގެ އަނބުރު ކޮންމެ ގޮތަކަށްމެ ކޮށާ ކުދި ކުރެވިދާނެ. ނަމަވެސް ހަޤީގަތް ވާނީ ހަޤީގަތަށް.“. ނިހާން ވިދާޅުވިއެވެ.

އަލީ ވަހީދުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި މިސަރުކާރުން އޭނާ މަޤާމުން ވަކިކޮށްލީ ކަމަށް ނިހާން ވަނީ ތުހުމަތިކޮށްފައެވެ.

އަދި ހަމައެއާއެކު ގާސިމްގެ އިސްތަށިފުޅުގައިވެސް އެކަހަލަ ގިނަ ތުހުމަތުތަކެއް އަޅުވާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި މިފަހަރު ޖޭޕީގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ރާއްޖޭގެ އެކި ރަށްތަކުގެ ރައްޔިތުން އެދި ވަޑައިގަންނަވާ ކަންތައްތަކެވެ. އެގޮތުން ކޮންމެ ރަށަކުންވެސް ހާއްސަ ފަސް ކަމެއް ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

”މިފަހަރު ޖޭޕީގެ މެނިފެސްޓޯ ހާއްސަވަނީ އެރަށަކާއި ގުޅިގެން އެ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑުމެން ވެރިކަމަށް އާދެވިއްޖެ ކަމަށް ވާނަމަ އެރަށެއްގެ ރައްޔިތުން އެދިވަޑައިގަންނަވާ ހާއްސަ ފަސް ކަމެއް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެކުލަވާލުމަކީ އެމަނިކުފާނުގެ ހާއްސަ ވައުދެއް.“ ނިހާން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކެމްޕެއިންތަކަށް ރަށްތަކަށް ކެނޑިޑޭޓުން ވާ ވައުދުތައް ރައީސް ކަމަށް ހޮވުމުން ހަނދާންނެތިގެންދާ ކަމަށާއި އެ ވައުދުތައް އޭރު އޮންނާނީ އެއްޗެއްގައި ލިޔެވިފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!